ވިޔަފާރި ބޭންކުން 45.2 މިލިއަން ފައިދާ ހޯދައި ހިއްސާ ބަހަން ނިންމައިފި
ދެންމެ | 15 މެއި 2025

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 45.2 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދުމަށްފަހު، ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި އެސްޑީއެފްސީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ޖުމްލަ 2,525,923.80 ރުފިޔާއެވެ. އެއީ ހިއްސާއަކަށް 0.022 ރުފިޔާގެ މަގުންނެވެ.

މިދިޔަ 2024 ވަނަ އަހަރަކީ އެސްޑީއެފްސީގެ ފާއިތުވި ފަސް އަހަރުގެ ތެރެއިން މާލީ ގޮތުން އެންމެ ކާމިޔާބު އަހަރެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރު ކުންފުންޏަށް ގެއްލުންވި 21.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 308 ޕަސަންޓު އިތުރު އަދަދެކެވެ. އަދި ކުންފުނީގެ ހިންގުމުގެ އާމްދަނީ 61.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ފައިދާ ބެހުމަށް ހުށަހެޅުނު ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 ޕަސަންޓު ވޯޓު ލިބިފައިވެއެވެ.

ކުންފުނީގެ މާލީ ހިސާބުތަކަށް ހެޔޮ ބަދަލެއް އައިސްފައިވަނީ، ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއްޓުމަށް އަދި ހިންގުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުންކަމަށް އެސްޑީއެފްސީން ބުނީއެވެ. އެސްޑީއެފްސީއަކީ 2019 ވަނަ އަހަރު ގާއިމުކުރެވުނު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ހަމައެކަނި މާލީ އިދާރާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!