ރައީސް ޔާމީން ދަތުރުފުޅުތަކުގެ ކާމިޔާބީ ލިސްޓް ޗީފް މުސްތޮފާ ހާމަ ކުރައްވައިފި
ދެންމެ | 24 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުން ގައުމަށް ވީ އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެއްކެވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭރުގެ ގައުމުތަކަށް ގިނަ ދަތުރުތަކެއް ކުރައްވާފަ އެވެ. އަދި މި ދަތުރުތަކުގައި ސަރުކާރުގެ އިސްވެރިންނާއި، ރައީސް އޮފީހުގެ އިސްވެރިންގެ ބޮޑެތި ޑެލިގޭޝަންތައް ބައިވެރިވެ އެވެ. އަދި ކެބިނެޓު މިނިސްޓަރުންނާއި، އެ ވުޒާރާތަކުގެ ޑެޕިއުޓީ މިނިސްޓަރުން ވެސް ބޮޑެތި ޓީމުތަކާއި އެކު ދަނީ ދަތުރު ކުރައްވަމުންނެވެ.

ފިނޭންސް މިނިޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން، ސެޕްޓެމްބަރު މަހުގެ 15 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް ކުރި ހޭދަ 147 މިލިއަން ރުފިޔާއަށް އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ދަތުރުތަކަށް ހޭދަވީ 93.4 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، ސަރުކާރުން މި އަހަރު ދަތުރތަކަށް ކުރި ހޭދަ މިދިޔަ އަހަރާއި އަޅާ ބަލައި 50 އިންސައްތަ ވަނީ ބޮޑުވެފައެވެ. ދައުލަތުގެ ބަޖެޓުގައި މި އަހަރުގެ ދަތުރުތަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި ވެއެވެ.

މިކަން ފާހަގަކޮށް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން، ދާދިފަހުން ތަރުޖަމާނަކަށް އައްޔަނު ކުރި މިއުވާން ވިދާޅުވީ ރައީސް ޔާމީން ވެސް ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރެއްވި ކަމަށެވެ. އަދި އޭނާ ވަނީ ރައީސް ޔާމީން ދަތުރު ކުރެއްވި ގައުމުތަކުގެ ނަން ވަކިވަކީން ވިދާޅުވެ އެކަމުގެ ތަފްސީލުތައް ދީފަ އެވެ. މިއުވާން ވިދާޅުވި ގޮތުން ރައީސް ޔާމީން 2014 ގައި ސިންގަޕޫރަށް 06 ދަތުރު ކުރެއްވި އެވެ. އެހެން ކަމުން ރައީސް ސޯލިހުގެ ދަތުރުތަކުގެ ވާހަކަތައް ދެއްކުމަށް ވުރެ ރައީސް ޔާމީންގެ ދަތުރުތަކުގެ ވާހަކަތައް ދެއްކުން މާ ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން މިއުވާން ވާހަކަ ދެއްކެވި އެވ

މިއުވާން ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރުގެ ތެރޭގައި ސިންގަޕޫރަށް 09 ދަތުރުފުޅު، ސައުދީއަށް 06 ދަތުރުފު، މެލޭޝިއާއަށް 04 ދަތުރުފުޅު އަދި ޗައިނާއަށް 03 ދަތުރުފުޅާއި، އިންޑިއާއަށް 03 ދަތުރުފުޅު އަދި ސްރީލަންކާއަށް 02 ފަހަރު ވަޑައިގެންނެވި ކަމަށެވެ. އަދި ތައިލޭންޑާއި، ޕާކިސްތާނު، ދުބާއީ، ޖަޕާނަށް ވެސް އެއް ދަތުރު ކުރެއްވިކަމަށް އޭނާ ވިދާޅުވި އެވެ

ދަތުރުތަކުން ރައްޔިތުންނަށް ވީ ފައިދާއަކާއި މެދު ސުވާލު އުފައްދައި މިއުވާން ވިދާޅުވީ، އޭގެ ސަބަބުން ނިކުތް ނަތީޖާއެއް ވެސް ފެންނަން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުތަކުން ލިބުނު އެއްވެސް ރަނގަޅު ނަތީޖާއެއް ނެތްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

މިއުވާންގެ ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރުމުން އިދިކޮޅުގެ ގިނަ މެމްބަރުން އެކަމަށް ރައްދު ދެއްވި އެވެ. އެގޮތުން ސަރުކާރަށް ރައްދު ދީ ރައީސް ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ވަނީ ސަރުކާރުގެ ހަރަދުތަކުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ.

މުސްތަފާ ވިދާޅުވީ، މެލޭޝިއާއަށް ކުރި ހަތަރު ދަތުރުގެ ތެރެއިން އެއް ދަތުރުގެ ހުރިހާ ހަރަދަކާއި ޓިކެޓުތައް ހަމަޖެއްސެވީ ރައީސް ޔާމީން ކަމަށެވެ. އަދި އެއީ އަމިއްލަ ދަތުރުފުޅަކަށް ވީތީކަމަށް ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި 90 އޮންއެރައިވަލް ވިސާ ދިވެހިންނަށް ހަމަޖެހިގެން ދިޔަ ކަމަށެވެ.

ސައުދީއަށް ކުރި ހަ ދަތުރުފުޅުގެ ތެރެއިން އެއް ދަތުރަކީ ހައްޖުގެ އަޅުކަމަށް ކުރެއްވި ދަތުރަކަށްވާއިރު އެދަތުރުގައި ޓިކެޓު ހަމަޖައްސަން ޖެހުނީ އެމީހަކު އަމިއްލައަށްކަން ފާހަގަ ކުރެއްވި އެވެ. މުސްތަފާ ވަނީ ސަލްމާން މިސްކިތުގެ ޕްރޮޖެކްޓު ހަމަޖެހިގެން ދިޔައީ ސައުދީއަށް ކުރި ދަތުރެއްގައިކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް ޔާމީން ގާތް ގުޅުމެއް ބޭއްވިކަމަށް ބުނާ ޗައިނާއަށް އެމަނިކުފާނު ކުރެއްވީ ތިން ދަތުރެވެ. މި ދަތުރުފުޅުގައި ފެލްޓުގެ ގިނަ މަޝްރޫއުތަކާއި، ބްރިޖު އަދި ފްރީ ޓްރޭޑުގެ މަޝްރޫއު ހަމަޖެހިގެން ދިޔަ އެވެ. އަދި އެއާޕޯޓު މަޝްރޫއު އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން ޔޫއޭއީގެ ދަތުރުފުޅުގައި ދިވެހިންނަށް އޮންއެރައިވަލް ވިސާ އަދި މާފަރު އެއާޕޯޓު މަޝްރޫއު ހަމަޖެހުނުކަން މުސްތަފާ ފާހަގަ ކުރެއްވި އެވެ.

މާލެއާއި ކައިރީގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް ޕްރޮޖެކްޓަކީ، ތައިލޭންޑަށް ކުރެއްވި ހަމައެކަނި ދަތުރުން ހަމަޖެހިގެން ދިޔަ މަޝްރޫއުއެޖެވެ.

މުސްތަފާގެ ޓުވީޓުގައި ފާހަގަ ކުރެއްވި މަޝްރޫއުތަކަކީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު އެއްކޮށް ނިމިފައި ހުރި މަޝްރޫއުތަކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!