އަތޮޅުތެރޭގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން މިއަހަރުގެ ފުރަތަމަ ހަތަރު މަހު 240،000 މުއާމަލާތް ހިންގައި، ޖުމުލަ 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ނ އަތޮޅުގެ ރަށްތަކަށް އޭޓީއެމް ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިދިޔަ ރޯދަމަސް ތެރޭ ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާ ކަމަށާއި، އެ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް 8،000 މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށާއި އެއާއެކު މުޅިރާއްޖޭގައި ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތަކުގެ 90 ޕަސަންޓު މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް ކަމަށާއި، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް އަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގްކުރާ ކަމަށެވެ. އަދި ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38،000 މުއާމަލާތްކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.