މިއަދު ޕްރެސްގައި މާރިޔާ މުއިއްޒު ވެއްޖެ
ދެންމެ | 21 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީގެ ޕްރެސްތަކުގައި މާގިނައިން އިދިކޮޅު ކެންޑިޑޭޓުގެ ނަން ކިޔާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ، ރައީސް އިބްރާހީމްގެ ކެމްޕެއިންގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ހާމަކުރަން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ.

އެގޮތުން މިއަދު މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް 24 ފަހަރު ޑރ. މުއިއްޒުގެ ނަން ވިދާޅުވި އެވެ.

ބައެއް މީހުން ފާހަގަކުރި ގޮތުގައި ރައީސް އިބްރާހީމްގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން މާރިޔާ ބާއްވާ ޕްރެސްތަކުގައި އެމަނިކުފާނުގެ ވާހަކައަށްވުރެ ގިނައިން މުއިއްޒުގެ ވާހަކަ ދައްކަ އެވެ. ވާހަކަ ދައްކަވަނީ މުއިއްޒުގެ ކޮންމެވެސް ވައުދުކަށް ފާޑުވިދާޅުވެ އެވެ.

އެކަމަކު މުއިއްޒު ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ވެސް ރައީސް އިބްރާހީމްގެ ވާހަކަ މާބޮޑަށް ނުދައްކާކަން ފާހަގަކުރެވެ އެވެ. މުއިއްޒުގެ ސްޕީޗުތަކުގެ ފޯކަސް ހުންނަނީ ވެރިކަން ލިބިއްޖެ ނަމަ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށެވެ.

މާރިޔާގެ އިތުރުން، ރައީސް އިބްރާހީމް ވެސް ކެމްޕެއިން ޖަލްސާތަކުގެ ތެރެއިން މުއިއްޒަށް ފާޑުވިދާޅުވެ، މުއިއްޒު ހޯމް މިނިސްޓަރަކަށް ހުންނެވި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތަށް ފާޑުވިދާޅުވެ އެވެ. އަދި ރޭ ލޯންޗުކުރި މުއިއްޒުގެ ”ދިވެހިންގެރާއްޖެ“ މެނިފެސްޓޯ އަށް ވެސް ރައީސް އިބްރާހީމް ވަނީ ފާޑުވިދާޅުވެފަ އެވެ.

އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމްއާއި މުއިއްޒު ވެސް ގެންދަވަނީ ރަށްރަށަށް ދަތުރުތައް ކުރައްވަމުންނެވެ. އިންތިހާބަށް ކުޑަތަން ވެފައިވާއިރު، ބާކީ ތިބި ހަ ކެންޑިޑޭޓުންގެ ވާދަވެރިކަން ވެސް ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!