މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޭން ފެށުމާއެކު މަސްވެރިކަމަށް ދިރުން ލިބި، މަހުގެ އެކްސްޕޯޓް 51 އިންސައްތަ މައްޗަށް ޖެހިލައިފިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 14,259.9 މެޓްރިކް ޓަނުގެ މަސްކަމަށާއި، ނަމަވެސް މި އަހަރު މި އަދަދު ވަނީ 21,599.4 މެޓްރިކް ޓަނަށް އުފުލިފައެވެ.
މި މުއްދަތުގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި ކަނޑުމަސްކަމަށް އެމްއެމްއޭ އިން ބުނެއެވެ. ފިނިކުރި ކަނޑުމަހުގެ އެކްސްޕޯޓް ގާތްގަނޑަކަށް 60 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެއް އައިސްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު 11,933.9 މެޓްރިކް ޓަނުގެ ފިނިކުރި މަސް އެކްސްޕޯޓްކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު މި އަދަދު ވަނީ 19,674.4 މެޓްރިކް ޓަނަށް އަރާފައެވެ.
މީގެއިތުރުން، މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި ކަޅުބިލަމަހުގެ މިންވަރުވެސް ވަނީ 81 އިންސައްތައިގެ އިތުރުވުމެއް ލިބިފައެވެ. މިދިޔަ އަހަރުގެ ތިން މަހު 9,017.1 މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކުރިއިރު، މި އަހަރު މި އަދަދު ވަނީ 16,323.4 މެޓްރިކް ޓަނަށް އިތުރުވެފައެވެ. އަދި ބޮޑުކަންނެލީގެ އެކްސްޕޯޓްވެސް ވަނީ 12 އިންސައްތައިގެ އިތުރުވުމެއް ލިބި، 2,899.9 މެޓްރިކް ޓަނުން 3,250.1 ޓަނަށް އުފުލިފައެވެ.
ނަމަވެސް، ކަނޑުމަހާއި ކަންނެލި ޕައުޗް އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު 1,882.2 މެޓްރިކް ޓަނުގެ މިފަދަ އުފެއްދުންތައް އެކްސްޕޯޓްކުރިއިރު، މި އަހަރު މި އަދަދު ހުރީ 1,333.3 ޓަނުގައެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ރޯދަމަހަށް އާންމުންގެ ބޭނުމަށް ޕްރޮޑަކްޝަންގެ ބޮޑުބައެއް ޚާއްޞަކުރުމާ ގުޅިގެން އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވުމެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމުގެ ސަބަބުން މަސްވެރިކަމަށް ލިބުނު ދިރުމާއެކު، މަހުގެ އެކްސްޕޯޓަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބުމަކީ ޤައުމުގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ސަރުކާރު ސަރުކާރާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އޭރު މަސްވެރިންނަށް ބާނާ މަހަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެވި މިފްކޯ އަށް ހުއްޓެވެ.
މަސްވެރިންނަށް ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭގޮތަށް ކަންތައްތައް އިންތިޒާމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފާ ވައުދު، މިދިޔަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހު ފުއްދެވުމާއެކު، މީގެ އިތުރުން، ކުރިން ދައްކަން ޖެހިފައި އޮތް 250 މިލިއަން ރުފިޔާއާއި އެ އަހަރު ތެރޭގައި ދައްކަންޖެހުނު ބިލިއަނެއްހާ ރުފިޔާ، ޖުމްލަ 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ތެޔޮ ސަބްސިޑީއާއެކު ވަނީ ދައްކާ ޚަލާސްކޮށްދީފައެވެ.