ތެލާއި ކާޑާއި ބޭސް ގަންނާނެ ފައިސާ ދައުލަތުގައި ނެތް: ރައީސް ނަސީދު
ދެންމެ | 21 ނޮވެމްބަރ 2022

ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް ކުރަމުންދާ ބަހުސްގެ ތެރޭގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށްވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި އަސާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. ހަމައެއާއެކު އެޙަޤީޤަތް އެގޮތަށް އޮށްވައި އެހެން ގޮތަކަށް މެމްބަރުން ވާހަކަ ދެއްކެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން އެކަން ފާހަގަނުކޮށް ދޫކޮށްލުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށްބޮޑޫ އޮޅުވާލުމެއް ކަމަށެވެ.

“ކުރިއަށް އޮތް ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތަކަށް ވާހަކަ ދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް މެންބަރުން ބަހުސް ކުރަށްވަމުން ގެންދަވާއިރު ބަޖެޓް ކޮމިޓީން ވަނީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!