އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.
މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައިވާނީ 12 ފެރީ އެވެ.
އާރުޓީއެލް މަޝްރޫއުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ”މިހާރު“އަށް ވިދާޅުވީ އިންޑިއާގެ އެހީގައި ލޯންޗުތައް ބަންނާނެ ބަޔަކު ހޯދަން، އޮޕަރޭޓަރުގެ ހައިސިއްޔަތުން އެމްޓީސީސީން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ސަރުކާރުން އަންނަނީ އަންނަ މަހު ރ. އަތޮޅުގައި އަދި ޖެހިގެން އަންނަ ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ.
އެކަމަށް ބޭނުންވާ ފެރީތައް އަލްޝާލީ އަދި ގަލްފް ކްރާފްޓުން މިހާރު އަންނަނީ ބަންނަމުންނެވެ.
ޔާސިރު ވިދާޅުވީ އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ގުޅުވާލާފައިވާ ކަމަށެވެ. އެއީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ލޯންޗުންނެވެ.
ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އެ ޕްރޮޖެކްޓު ނިމޭއިރު 80 ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެ އެހީއަކީ ގައުމީ ދަތުރުފަތުރުގެ ނެޓްވޯކް އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށެވެ.