މަސްއޫދަށް ހަމަލާދިން މައްސަލަ ހައިކޯޓުން ބަލައިގެންފި
ދެންމެ | 30 ޖޫން 2022

ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފްކުރުމުން މައްސަލަ ހައިކޯޓުން ބަލައިގަނެފި އެވެ.

ފަންބޮނޑި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާ މަސްއޫދަށް ލ. އަތޮޅުގައި އުޅެނިކޮށް މިދިޔަ އަހަރު ހަމަލާދިނީ ސައިކަލުގައި އޭނާ އަނބިމީހާއާ އެކު ދަނިކޮށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ލ. ފޮނަދޫ ދިލްކުސާގޭ އަހުމަދު ޝަމީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެރަށު ކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން މިމަހު ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީކޮށްފަ އެވެ.

އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ ހަމަލާދޭ މަންޒަރު ރިކޯޑްކުރި ފޯނު ފުލުހުން ހުޅުވީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެވެ.

އެ މައްސަލަ ނިންމި ފަނޑިޔާރު އަމަލުކުރި ގޮތާ މެދު ހިތް ހަމަ ނުޖެހި މަސްއޫދުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ޝަކުވާ ހުށަހެޅި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!