ބޮއެގެން ވެއްޓުނު ޔުމުނުގެ އާއިލާއިން ޔުމުނުގެ ބަޔާން ދިނުމަށް ދެކޮޅުހަދައި ހޮސްޕިޓަލް ބަދަލުކޮށް ފިލުމުން، މެލޭސިޔާ ފުލުހުން މެދުވެރިކޮށް ބަޔާން ނަގަން ނިންމައިފި
ދެންމެ | 22 މެއި 2025

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އެ އަންހެން މީހާގެ އާއިލާ އިން އެއްބާރުލުން ދީފައިނުވާތީ މެލޭޝިޔާގެ ފުލުހުންގެ އެހީތެރިކަމާ އެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.

ދިވެހި ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުނަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވރެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މެލޭޝިޔާގައި އޭނާއަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރު ފުލުުހުންނަށް އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން އައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ނަމަވެސް އެ އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ޔުމްނުއާ ސުވާލު ކުރަން ތައްޔާރު

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔުމުނުއާ ސުވާލުކުރުމުގެ އިންތިޒާމު, އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށެވެ.

އެ ގޮތުން އަންހެން މީހާ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!