ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވަނީ މީހުން ކިޔާ ފާޑަކަށް ބެއްލެވުމެއް ނެތި ގައުމާއި ރައްޔިތުންގެ ހައްގުގައި މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ވެރިއެއްގެ ގޮތުގައެވެ. ގައުމުގެ އިގްތިސާދު މަޑުމަޑުން ކޮޅަށް ޖައްސަވައި މިހާރު އެ ފެއްޓެވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރެއްވުމުގެ މަސައްކަތްތަކެވެ. ގިނަ މަސައްކަތްތައް ހަވާލުކުރެއްވީ ސަރުކާރުގެ އެސްއޯއީތަކަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ޕްރޮޖެކްޓްތައް އަވަސް ކުރުމަށާއި ނިންމުމަށް އަބަދުމެ ސަރުކާރަށް ބާރު އެޅޭނެތީއެވެ. އަދި އެއްފަހަރާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ފެއްޓުމަށްވެސް ވަނީ ތައްޔާރުވެފައެވެ. ވަރަށް އަވަހަށް އެރަސްމިއްޔާތުވެސް ފެނިގެންދާނެއެވެ.
ޒުވާނުން ދުންފަތާ ދުރުކުރުމަށް ޚާއްސަ ގާނޫނެއް ހައްދަވައިފިއެވެ. އާންމު އިޖުތިމާއީ ދުޅަހެޔޮ ކަމަށްޓަކައެވެ. ގައުމުގެ މުސްތަގުބަލަށްޓަކައެވެ.
ގަދަބަދަވިކަން ދައްކަމުންދާ ގޭންގުތަކުގެ މައްޗަށް ސަލާމަތީ ބާރުތަކަށް ބާރު ފޯރުވެވޭނެ ފަދަ ވަރުގަދަ ގާނޫނެއް ވެސް ވުޖޫދު ކުރައްވައިފިއެވެ. ގޭންގްތަކަށް ނިސްބަތްވާ ކުދިން ނުރުހުނަސް އެބަދަލުތައް ގެންނެވުމަށް އެމަނިކުފާނު އެވަނީ ނިންމަވާފައެވެ. ފުލުހުންނަށް ބާރުވެރުކުރުވައި ގޭންގު ކުށްތައް ހުއްޓުވުމެވެ. ގައުމަށްޓަކައެވެ. ރައްޔިތުންގެ ލާބައާއި އަމާން ކަމަށްޓަކައެވެ.
ވާނުވާ ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ގެންނެވުމަށް މަޝްވަރާތައް ފައްޓަވައި، އެ ފުރުސަތު އެދުމަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އިއުލާން ކުރައްވާފައެވެ. އެއީ ސީދާ ރައީސްގެ ޙާއްސަ އިސް ނެންގެވުމެކެވެ. ރައްޔިތުންނަށް ލުއި ފަސޭހަ އަދި އިންސާފުވެރި މާހައުލެއް ގެނެސްދެއްވުމުގެ މަގުސަދުގައި އެޅުއްވި ފިޔަވަޅެކެވެ.
މިލިސްޓު މި ގޮތަށް ވަރަށް ދިގު ކުރެވެން އެބައޮތެވެ. އެފަދަ ކޮންމެ ކަމަކުންވެސް ރައީސް ޑރ. މުޢިއްޒުއަށް އޮތީ ޝުކުރުގެ މައްޗަށް ޝުކުރެވެ. ގައުމީ ޚިދުމަތުގައި އެމަނިކުފާނަށް ހަމަ ސާބަސް ހައްގެވެ.