ނަޝީދު ވާދަ ކުރައްވާނެ ކަން ޔަގީން ވުމުން، ބިރުން ޕްރައިމަރީ ފަސް ކުރަން އިބޫ އަންގައިފި
ދެންމެ | 13 ނޮވެމްބަރ 2022

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް ޕާޓީގެ ތެރެއިން ގަދަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަން ސީދާ ހާމަނުކުރެއްވި ނަމަވެސް، ޕްރައިމަރީގައި ވާދަކުރެއްވުމުގެ އިޝާރާތެއް މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ދެއްވާފަ އެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފާޅުކުރައްވާފަ އެވެ.

ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން ރަސްމީކޮށް ނުނިންމި ނަމަވެސް، އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ޕްރައިމަރީ ބޭއްވުމަށެވެ. ނަޝީދާ ގާތް ބައެއް މެންބަރުން މިއަދު ’ދައުރު’އަށް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އެ ޕްރައިމަރީގައި ވާދަކުރައްވާނެ އެވެ.

”އަދި ސީދާ މުޅިއަކުން ނުނިންމަވާ. މިއަދުގެ ވަގުތެއްގައި ފައިނަލް ނިންމުމެއް ނިންމަވާނެ. ބޮޑަށް ބެލެވެނީ ވާދަކުރައްވާނެހެން، އެގޮތަށް ނިންމަވައިގެން އެ ހުންނެވީ،“ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ނަޝީދާ އަރިސް އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވިދާޅުވީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށެވެ.

”ޕްރައިމަރީ ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ،“ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ފެކްޝަންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވެސް މިއަދު ’ދައުރު’އަށް ވިދާޅުވީ ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ނަޝީދުގެ ފެކްޝަންއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް ގަދަވިއިރު، އެ ޕާޓީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ކޯޅުން ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ. އެގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ ގްރޫޕެއްގައި ނަޝީދު ވަނީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.

އޭގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި ބޭއްވި ބަޖެޓް ބަހުސްގައި ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ މެދު ސުވާލު އުފައްދަވާފަ އެވެ.

މި ޒުވާބު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވެސް ކުރި އެވެ. ދެ ފެކްޝަންގެ މެންބަރުންގެ ޒުވާބާ އެކު، އެ ގްރޫޕުގެ މެންބަރުންނަށް މެސެޖް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!