ސޫޒަންގެ މުސާރަ ނުބުނާން ވެގެން އެސްޓީއޯ އިން ކޯޓަށް
ދެންމެ | 19 ޖުލައި 2022

އެސްޓީއޯގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ސޫޒަން އިބްރާހިމްފުޅުގެ މުސާރަ އާއި އިނާޔަތްތަކާއި އަދި އެހެނިހެން ބައެއް މައުލޫމާތު ހާމަކުރަން، އިންފޮމޭޝަން ކަމިޝަނަރު އެސްޓީއޯއަށް އެންގި އެންގުން އެސްޓީއޯއިން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ދަށުން، ނޫސްވެރިޔާ އަހްމަދު އަޒާން، އެސްޓީއޯގެ ކޮންސަލްޓެންޓް ސޫޒަން އިބްރާހިމް ފުޅަށް އެސްޓީއޯއިން ދޭ މުސާރައިގެ ތަފްސީލު އެވެ.

އޭގެ އިތުރުން އޭނާގެ މަސައްކަތާއި ގުޅޭ އެހެން ބައެއް މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު އެސްޓީއޯއަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ނޫސްވެރިޔާ އަޒާން އެދިފައިވާ މައުލޫމާތު ދޫކުރުމަށް އިންފޮމޭޝަން ކަމިޝަނަރު އެސްޓީއޯއަށް އެންގީ އެކަމާ ގުޅޭ ގޮތުން ބޭއްވި އަޑު އެހުންތަކަށް ފަހު އެވެ. މި މައުލޫމާތު ދޫކުރުމަށް އެސްޓީއޯއަށް އެންގުމުން އެސްޓީއޯއިން އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން ހައިކޯޓަށް ހުށަހެޅީ އެވެ.

ހައިކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި އެސްޓީއޯއިން އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް އެ މައްސަލަ ހުށަހަޅާފައިވަނީ މިއަދު އެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލަ ހައިކޯޓަށް އެސްޓީއޯއިން ހުށަހަޅާފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މި މައްސަލަ ކުރިއަށް ދިޔަ މަރުހަލާގައި އެސްޓީއޯއިން ބުނެފައިވަނީ އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށަށް ފެތޭ ކުންފުންޏެއް ނޫން ކަމަށެވެ. އަދި ސޫޒަންގެ މުސާރަ އާއި އެފަދަ ތަފްސީލުތައް ހާމަކޮށްފިނަމަ އެސްޓީއޯއަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!