ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދޮގު ކުރައްވައިފި އެވެ.
އެމަނިކުފާނުގެ ފަރާތްޕުޅުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދެންމެ ވިދާޅުވީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ރައީސާއި ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ނަޝީދު ދައްކަވަން ޖެހިވަޑައިގަތް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.