ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުވާ ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފިއެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓީޗަރުންތަކެއްގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ މީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މީހުން ސަސްޕެންޑްކޮށް މަސައްކަތު މާހައުލުން އެކަހެރި ކޮށްފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އެދިގެން ފިޔަވަޅު އަޅާފައި ވަނީ ކިތައް ޓީޗަރުންނަށް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަމެއް ކަމަށެެވެ.
”ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމުގައި ވެސް ދަންނަވަން،“ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޓީޗަރުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ގިނަ މީހުން ހިމެނޭކަން ވަނީ ހާމަވެފައެެވެ. އެގޮތުން އެމައްސަލައިގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެެ.