އިހްމާލުނުވެ، މަގު ކޮނުމުގެ ހުއްދަ ފަންބޮނޑިއަށް ދޭން އެލްޖީއޭއިން ފޮނަދޫ ކައުންސިލަށް އަންގައިފި
ދެންމެ | 11 އޯގަސްޓް 2022

އިހްމާލުނުވެ, ތަފާތު ކުރުމެއް ނެތި، ފަންބޮނޑި މޯލްޑިވްސްއަށް ލާމް ފޮނަދޫގައި ’އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް‘ ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދަ އެހެން ފަރާތްތަކެކޭ އެއް ހަމައަކުން އެކުންފުންޏަށް ވެސް ދިނުމަށް ލޯކަލްގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނަދޫ ކައުންސިލަށް އަންގައިފި އެވެ.

ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއިން ފޮނަދޫގައި ނެޓްވޯކް ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދަ ނުދިނުމަށް ކައުންސިލުން ނިންމުމުން އެކުންފުނިންގ އެލްޖީއޭއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެލްޖީއޭ އިން އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން އެކުންފުންޏާއި ދޭތެރޭ ތަފާތުކޮށް ހުއްދަ ނުދީ ހިފަހައްޓާ އިހްމާލު ވެފައި ވަތީ, ފޮނަދޫ ކައުންސިލާއި ދެކޮޅަށް ގެއްލުމުގެ އަދުލްވެރި ބަދަލު ހޯދުމަށް ސަރުޢީ ދައުވާ ކުރުމުގެ ހައްގު ވެސް އެކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

ލާމް އަތޮޅު ކައުންސިލުން ވެސް ވަނީ ނެޓްވޯކް އެޅުމުގެ ހުއްދަ ފަންބޮނޑިއަށް ނުދީ ފޮނަދޫ ކައުންސިލުން ހިފަހައްޓާފައި ވަނީ އުސޫލެއް ހަމައެއްނެތި، ގަވައިދާ ހިލާފަށް ކަމަށް ކުރިން ބުނެފަ އެވެ.

ފޮނަދޫ ކައުންސިލުން ވަނީ އެކުންފުންޏަށް މަގު ކޮނުމުގެ ހުއްދަ ނުދީ ހިފަހައްޓައި, ހުއްދައަށް އެދޭ އެހެން ފަރާތްތަކަށް މަގު ކޮނުމާއި ކޭބަލް ދެމުމުގެ ހުއްދަ ދެމުންކަން ވެސް ފާހަގަ ކުރެވެ އެވެ. ފޮނަދޫ ކައުންސިލަކީ އިދިކޮޅު ޕީޕީއެމް ފަސް މެމްބަރުން ހިމެނޭ ކައުންސިލެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ފައިބަރ އޯޕަން އެކްސަސް ނެޓްވޯތަކަކީ ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް އެންމެ ކަނެކްސަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

ގުޅުންހުރި ލިޔުންތައް