ކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ: ފަސްޓް ލޭޑީ
ދެންމެ | 07 ޖޫން 2026

ކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށާއި، ޢާންމު ޞިއްޙަތު ހިމާޔަތްކުރުމަށާއި، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެކަމަނާގެ މެސެޖުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތައް ހިމެނޭހެން އެންމެންގެ ހިއްސާ އޮންނަ ޖަމަޢީ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށާއި، ޢާންމު ޞިއްޙަތު ހިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވެސް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އެމަނިކުފާނުގެ މެސެޖުގައި، ރައްކާތެރި ކާބޯތަކެތީގެ ސަބަބުން ޢާންމު ޞިއްޙަތަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިންސާނާގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާކަމަށާއި، މިއީ ޞިއްޙީ ނިޒާމަށާއި، ދިރިއުޅުމުގެ ވަސީލަތްތަކަށާއި، ޤައުމުގެ އިޤްތިޞާދަށް އޮތް ބޮޑު ބުރައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ފާހަގަކުރައްވަމުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ބަލިތައް ދެނެގަތުމާއި، އެކަންކަމަށް ފިޔަވަޅުއެޅުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!