ގެއްލުނު ފައިސާގެ ބޮޑުބައެއް ހުރީ ސިންގަޕޫރުގައި: ޔާމިން
ދެންމެ | 12 އޯގަސްޓް 2022

އެމްއެމްޕީއާރްސީގެ ތެރޭ ހިނގި ހިޔާނާތުގައި ގެއްލުނު ފައިސާގެ ބޮޑުބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައި ކަމަށާއި އެ ހުޅުވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ ރެޓީނާ ސްކޭން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ގިނަ ދުވަސްތަކަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި އިރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނު އަރިހަށް ވަޑަައިގެން އެމްއެމްޕީއާރްސީގެ ފައިސާ ހުރި ތަން ކަމަށް އަދީބު ވިދާޅުވާ ވާހަކަތަކެއް ދެއްކެވި ކަމަށެވެ.

”ލުތުފީ ވިދާޅުވި ރައީސް އޭ އަދީބު އެބަ ބުނެއޭ މި ފައިސާގެ ބޮޑުބައި އެހުރީ ސިންގަޕޫރުގެ ބޭންކެއްގައި ޕޯސްޓް ބޮކްސް ތެރޭގައި ކަމަށް. އެކަމަކު އެ ހުޅުވޭނީ ތިމަންނަގެ ލޮލުގެ ރެޓިނަލް ސްކޭނެއް ކޮށްގެންނޭ. ތިމަންނަ ނެތީސް އެ ނުހުޅުވޭނެ. އެހެންވެ ތިމަންނަ ފިޒިކަލީ އެތަނަށް ގެންގޮސްދޭށޭ، ގެންދިޔައީމަ ދޭނަމޭ،“ ޔާމީން ވިދާޅުވި އެވެ.

އަދީބު ސިންގަޕޫރަށް ފޮނުވާލަން އެމަނިކުފާނު ބޭނުން ނުވީ ކަމަށާއި ފޮނުވާލައިފި ނަމަ އަދީބާއި ފައިސާތައް ވެސް ދެން އަތު ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންވެ ސިންގަޕޫރުގެ އޭސީސީ އާ ގުޅިގެން އެ ފައިސާ ހޯދަން މަސައްކަތް ކުރުމަށް ލުތުފީ އަށް އެންގެވި ކަމަށާއި ބޭނުންވެއްޖެ ނަމަ ކޯޓު އަމުރެއް އިޝޫ ކޮށްގެން ވެސް އެ ފައިސާ ހޯދަން އެންގެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

”އަޅުގަނޑު އަދީބު ނުފޮނުވީ އޭރު އަޅުގަނޑު ބޭނުން ނުވީ އަދީބު ފޮނުވާލަން. އަދީބު އެ ދެއްކީ ތެދުވާހަކައެއް ކަމަށް ލުތުފީ ގަބޫލު ކުރޭ. އެހެންވެއްޖެ ކަމަށް ވަންޏާ އޭގަ ހުރި ފައިސާއެއް އަދިއެއް ނުއެއް ނެގޭނެ،“ ޔާމީން ވިދާޅުވި އެވެ.

ދެން ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ލިބިއްޖެ ނަމަ އެމްއެމްޕީއާރްސީގެ ފައިސާ އިން ހިޔާނަތް ވި މީހުންނަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް އިސްކަން ދެއްވާނީ ގެއްލުނު ފައިސާ ހޯދަން ކަމަށާއި ސިންގަޕޫރުގައި ފައިސާ ހުރެއްޖެ ނަމަ އެ ފައިސާ ވެސް ހޯއްދަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް