ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެކަށީގެން ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިރޭ ވިދާޅުވީ ފެށުނީއްސުރެ ވެސް އޭނާ ތާއީދު ކުރައްވާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.
”މިހާރު ރިޔާސީ ނިޒާމުގައިވެސް ރާއްޖޭގެ ވެރިކަން މިއޮއް ދަނީ ކުރިއަށް. މިއީ ޑިކްޓޭޓާޝިޕެއް ނޫން. ބޭނުންވާ ކަމެއް އެބަ ކުރެވޭ. އަނިޔާވެރިއެއް ނޫން. ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އިމުގެ ތެރޭގައި އޮވޭ. އެހެންވީމަ ގަބޫލެއް ހަމަ ނުކުރެވޭ ބަރުލަމަނީ ނިޒާމެއް،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ކޮރަޕްޝަން ފަދަ ކަންކަންވެސް ބަރުލަމާނީ ނިޒާމަށްވުރެ ބޮޑަށް ރިޔާސީ ނިޒާމުގައި ކުޑަ ކުރެވޭނެ ކަމަށެވެ.
ބަރުލަމާނީ ނިޒާމެއްގައި ފައިސާގެ ނުފޫޒުން ވެރިކަން ބަދަލުކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ގިނަގިނައިން ވެރިކަން ބަދަލުވުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް އެހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވަނިކޮށެވެ.
މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ތިލަކޮށްދެއްވާފައެވެ.