މިއީ ސިފައިން ނިކުމެ ވެރިކަން ބަދަލު ކުރަންވީ ވަގުތު: ތާރިގް
ދެންމެ | 30 ޖުލައި 2022

ދައުލަތް މިހާރު އޮތީ ބަރަހަނާވެފައި ކަމަށާއި، ފުލުހުންނާއި ސިފައިން ތެދުވަންވީ ވަގުތު ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ތޯރިގް މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަންހެން ކުއްޖަކާ ބަދުއަޚްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ތޯރިގު ވިދާޅުވީ، މިކަން ދެން ނިމެނީ ކަމަށާއި، ފުލުހުންނަށްވެސް ހިފަހައްޓާލެވޭނީ ވަކި ވަރަކަށް ކަމަށެވެ. އަދި ދައުލަތް ބަރަހަނާވެފައިވާއިރު، ފުލުހުންނާއި ސިފައިން ތެދުވަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.

”މިކަން ދެން މި ނިމެނީ. ފުލުހުންނަށްވެސް ވެރިކަން ހިފަހައްޓާ ދެވޭނީ ވަކިވަރަކަށް، ދައުލަތް މިއޮތީ ބަރަހަނާވެފައި. ފުލުހުންނާއި ސިފައިން ތެދުވަންވީ ވަގުތު ޖެހުނީ.“

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!