ބްރިޖު ޕްލެޓްފޯމެއް ފަރަށް އަަރައި، ތިން މީހަކަށް އަނިޔާވެއްޖެ
ދެންމެ | 16 އޯގަސްޓް 2022

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަަރައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ޕްލެޓްފޯމް މިއަދު މެންދުރު ފަރަށް އެރިކަން ވިލިމާލެ ފުލުހުންނަށް ފާހަގަވެގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަރާފައިވާއިރު، މި ފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި ޖޫރިމަނާތައް ކުރަމުން އަންނަ ކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!