އިންޖީނުގެ އަޕްގްރޭޑްކުރަނީ، މާދަމާރޭ ފަތިހު މާލޭން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
ދެންމެ | 21 މެއި 2026

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވާ ސިސްޓަމަށް ގެންނަ އަޕްގްރޭޑްގެ މަސައްކަތެއް ކުރާތީ މާދަމާރޭ ފަތިހު މާލޭން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވާ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ވަނީ ހަމަޖެހިފައިވާކަމަށް ސްްޓެލްކޯއިން ބުނެއެވެ.

މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށާއި މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި 23 މޭ 2026 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ތާވަލުކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

“ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގައި ހުންނާނެ. އެހެން ކަމުން އެ ގަޑީގައި އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަ. އެހެންނަމަވެސް، އެ ވަގުތު މާލެ އާއި ހުޅުމާލޭގެ ބޮޑު އިންޖީނަކަށް ކަމެއް ދިމާވެއްޖެ ހާލަތެެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި، ބައެއް ތަންތަނުން ކަރަންޓު ކަނޑާލަންޖެހުމުގެ ފުރުސަތު އޮންނާނެ.: ސްޓެލްކޯއިން ބުނެއެވެ.

އެވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ހުދުމަތަށް ކުރާނެ އަސަރު ކުޑަވާނެކަމަށާއި ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ހިދުމަތް އާންމު ހާލަތަށް ގެނައުންކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!