’ނޯ ޑޯ އިޒް ކްލޯޒްޑް. އެވްރީ ޑޯ އިޒް އޯޕަން އިން ފުރީ‘: ގާސިމް
ދެންމެ | 22 އޯގަސްޓް 2022

ޖުމްހޫރީ ޕާޓީގެ އެއްވެސް ދޮރެއް ބަންދު ކުރެވިފައި ނުވާ ކަމަށާއި ހުރިހާ ދޮރެއްވަނީ ހުޅުވިފައި ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ބަޔަކާ އެކު ވެސް އެ ޕާޓީން ކޯލިޝަން ހަދަން ޖެހިދާނެ ކަމަށާއި މަޝްވަރާގެ ދޮރު އެންމެނަށް ވެސް ވަނީ ހުޅުވިފައި ކަމަށެވެ.

”އޮފް ކޯޒް. ނޯ ޑޯ އިޒް ކްލޯޒްޑް. އެވްރީ ޑޯ އިޒް އޯޕަން އިން ފްރީ. ހުރިހާ ދޮރެއް ވަނީ ހުޅުވިފައި،“ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަނަކާއެކުތޯ ނިންމާނީ ވެސް ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

”ބޭފުޅަކަށް ތާއީދު ކުރެއްވުމުގެ ގޮތުން މިހާ އަވަހަށް ވާހަކަ ދެއްކެވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން،“ ގާސިމް ވިދާޅުވި އެވެ.

”އަޅުގަނޑު ނުދަންނަވަން އެއްގޮތަކަށް ވެސް ކޯލިޝަން އޭ ދެންނެވިޔަސް އަޅުގަނޑުމެންނާ އެކު ވެވުނު އެއްބަސްވުންތަކުގަހުރި ކަންކަމުގެ 100 ޕަސެންޓު އަޅގަނޑުމެންނަށް ލިބިގެންދިޔަވާހަކައެއް. އެހެނަސް ކޮންމެވެސް ސިފައެއްގައި ކޯލިޝަންއޭ ކިޔާ އެއްޗެއް އެބައޮވޭ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާވެސް ކުރަން“ ގާސިމް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ކޯލިޝަން ހެދުމުގައި ”އެޑްވާންޓޭޖާއި ޑިސްއެޑްވާންޓޭޖް“ ހުންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!