ނޫސްވެރިޔާ ލީވާން ޖަލުން ދޫކޮށްލައިފި
ދެންމެ | 22 މެއި 2026

ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ޖަލަށް ހުކުމްކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިއަދު ދޫކޮށްލައިފި އެވެ.

ކްރިިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ލީވާން 10 ދުވަހަށް ޖަލަށް ލީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވުމާ އެކު، ހުޅުމާލެ ޖަލުން އޭނާ މިއަދު ހެނދުނު ވަނީ ދޫކޮށްލައިފަ އެވެ.

ލީވާންގެ އިތުރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ”އަދަދު“ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން ވެސް ހުރީ ޖަލަށް ލައިފަ އެވެ. ޝަހުޒާން ޖަލަށް ލީ 15 ދުވަހަށެވެ.

”އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ މައްސަލައިގެ ތެރެއިން ދައުލަތުން އެދިގެންނެވެ.

ލީވާން ޖަލަށް ލީ އެ އަމުރާ ގުޅޭ ޚަބަރެއް ލިޔުނު ގޮތަކުން ކަމަށް ބުނެ އެވެ.

ޝަހުޒާން ޖަލަށް ލާން ހުކުމްކުރީ ”އަދަދު“ ނޫހުން ނެރުނު އެ ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

 

އެ ދެ ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ގޮވާލިއިރު، މާލޭގައި އެކަމަށް ގޮވާލައި ނޫސްވެރިންގެ އިތުރު ބައެއް ސިޔާސީ ޕާޓީތަކުން ވެސް ސިލްސިލާ މުޒާހަރާތައް ބާއްވާފައިވެ އެވެ.

 

ލީވާން އާއި ޝަހުޒާންއާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމާފައިވެ އެވެ.

 

Gag amuru baathil kuran Fiyaz hushaelhi massala balaigenfi

ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!