އަމިއްލައަށް ހުކުމް ތަންފީޒު ކުރުން ވަގުތުން ހުއްޓުވަން ޖެހޭ: ޕީޖީ
ދެންމެ | 24 އޯގަސްޓް 2022

މިހާރަކަށް އައިސް އާއްމުން ނުކުމެ ގާނޫނު ތަންފީޒުކުރާ މައްސަލަތައް ފާހަގަކުރެވޭ ކަމަށާއި އެ މައްސަލަތަކަކީ ވަގުތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިއަދު ވާހަކަދައްކަަވަމުން ޕީޖީ ޝަމީމު ވިދާވީ، އާއްމުން ނުކުމެ ގާނޫނު ތަންފީޒުކުރުމުގެ މައްސަލައަކީ ވަރަށް ކަނބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލައަކީ މިހާރު ނުހުއްޓުވައިފި ނަމަ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

”އާއްމުން ނުކުމެ ގާނޫނު ތަންފީޒުކުރާ މައްސަލަ މިހާރު އެޑްރެސް ނުކޮށްފިއްޔާ ވަރަށް ބޮޑު އިޝޫއަކަށް، ވަރަށް ބޮޑު މައްސަލައަަކަށް ވާނެ، އެއްގޮތަކަށްވެސް ހުއްދަ ކުރެވިގެންވާނެ ކަމެއް ނޫން އެއީ ދޫކޮށްލެވިގެންވާނެ ކަމެއް ނޫން،“ ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ހިނގަނީ ސިސްޓަމްގެ ތެރެއިން ފިޔަވަޅު އެޅުން ލަސްވެގެން ކަމަށާއި ނަމަވެސް ކަންކަމަށް ފިޔަވަޅު އަޅަން ވާނީ ސިސްޓަމްގެ ތެރެއިން ކަމަށެވެ.

”އަޅުގަނޑަށް އެނގޭ ސިސްޓަމް ތެރެއިން ފިޔަވަޅު އެޅުން ލަސްވާތީކަން މީހުންގެ ފްރަސްޓްރޭޝަން އަންނަނީ، އެއީ އަޅުގަނޑުމެން ސީދާ ހައްލެއް ހޯދަންޖެހޭ ކަމެއް،“ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

އާއްމުން ނުކުމެ ގާނޫނު ތަންފީޒުކުރާ މައްސަލަ ޝަމީމު މިއަދު ފާހަގަކުރެއްވި އިރު، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތަކާއި ވައްކަމުގެ މައްސަތަކުގައި އާއްމުން ނުކުމެ މީހުންނަށް އަނިޔާކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!