ގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސް
ދެންމެ | 23 މެއި 2026

ގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ އުސް އިމާރާތްތަކެއް ނޫން ކަމަށާއި މާނަހުރި ތަރައްގީއަކީ އަތްލެވޭ ކަންކަމާއި އަތް ނުލެވޭ ކަންކަން ހިމެނޭގޮތަށް ކުރެވޭ ކަންކަން ކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަކީ އެތައް ޒަމާނެއް ވަންދެން ހައްލުނުވެ އޮތް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން ބިދޭސީންގެ މައްސަލާގައި ރާއްޖެއިން ހާސިލްކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ނަތީޖާއެއްކަމަށާއި މި ނަތީޖާ ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާ، އެގޮތުން މި ސަރުކާރު އައިއިރު ރާއްޖޭގައި ބިދޭސީންގެ ތެރޭގައި ޤަވާއިދާ އެއްގޮތަށް ތިބީ ކޮންބައެއްކަން އެނގޭނެ ފުރިހަމަ ޑޭޓާއެއް ނެތްކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި އެކަން ވަނީ ވަރަށް ބޮޑަށް އިސްލާހުކުރެވިފައިކަމަށާއި ތަފާސްހިސާބުތަކަށް ބަލާއިރު، 2013 އިން 2016 އަށް އޮތް ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ކުރެވުނު މަސައްކަތެއްގެ ރެކޯޑެއް ފެންނާކަށް ނެތްކަމަށާއި ނިމިދިޔަ ސަރުކާރުގެ މުޅި ފަސް އަހަރުގެ ދައުރުގައި ބަޔޯމެޓްރިކްސް ނެގިފައިވަނީ އެންމެ 27,200 ބިދޭސީންގެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މިވީ ދެ އަހަރާއި ބައިގެ ތެރޭގައި 206,400 މީހުންގެ ބަޔޯމެޓްރިކްސް މިހާރު ވަނީ ނަގާ ނިމިފައިކަމަށާއި މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ހޯދާފާއިވާ ކާމިޔާބީއަކީ ކުރިއަރާފައިވާ ޤައުމުތަކުން ހޯދާފައިވާ ފަދަ ކާމިޔާބީއެއްކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރުމުގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން 2013 އިން 2016 އަށް އެއްވެސް މީހަކު ރިޕޯޓްކޮށްފައި ނުވާއިރު، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 2,600 މީހުންނެވެ. އެކަމަކު މި ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި 12,193 މީހުން ރިޕޯޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!