ފަރަށް އެރި ޕްލެޓްފޯމް ނުނެގުނީ މޫސުން ގޯސްވެގެން: އެފްކޮން
ދެންމެ | 27 އޯގަސްޓް 2022

ވިލިމާލޭ ފަރަށް އެރި ތިލަ-މާލެ ބްރިޖް ޕްލެޓްފޯމް ދެދުވަހުން ނުނެގުނީ މޫސުން ގޯސްވުމާގުޅިގެން ކަމަށް އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑުން ބުނެފިއެވެ.

ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންގެ ފަރާތުން ކުރިން ބުނެފައިވަނީ އޯގަސްޓު 16 ގައި ފަރަށް އެރި އެ ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ އެ ކުންފުނިން ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

”ވިލިމާލޭ އިރު ދެކުނު ފަރަށް އަރާފައި އޮތް ޕްލެޓްފޯމް ނެގުމަށް މި ކުންފުނިން ކުރަމުންދިޔަ މަސައްކަތް، މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަނީ ހުއްޓާލަންޖެހިފަ. މޫސުން ތަންދިންހާ އަވަހަކަށް ޕްލެޓްފޯމް ނެގުމުގެ މަސައްކަތް އަލުން ފަށާނަން،“ އެފްކޯންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެ މައްސަލައިގައި ބުނެފައި ވަނީ ޕްލެޓްފޯމް އޮޔާދިޔުމަށް މެދުވެރިވީ ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ޕްލެޓްފޯމް ފަރަށް އެރިތާ ދެ ހަފްތާވާން ގާތްވެފައިވާއިރުވެސް ފުންނުކުރެވޭތީ ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ފަރާތްތަކުން މިކަމުގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޕްލެޓްފޯމް ނެގުމަށް އެކަށީގެންވާ މަސައްކަތް އެފްކޮން ކުންފުނިން ނުކުރާކަމަށްވެސް ޢާއްމުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!