ރާއްޖޭގެ ގިނަ ވަކީލުންނާއި ޖަޖުންގެ އެދުރު ޑރ. އަބުދުލްމުހައިމިން އަވަހާރަވެއްޖެ
ދެންމެ | 21 ޖެނުއަރީ 2026

ރާއްޖޭގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަދި އެތަނުގެ ކުރީގެ ޑީން، ޕްރޮފެސަރު ޑރ. އަބްދުލްމުހައިމިން ބިން ނޫރުއްދީން އަޔޫސް މިއަދު އަވަހާރަވެއްޖެ އެވެ.

މެލޭޝިއާއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. އަބްދުލްމުހައިމިން މިއަދު އަވަހާރަވީ، ޔުނިވަސިޓީ އޮފް މަލަޔާ މެޑިކަލް ސެންޓަރުގަ އެވެ.

ތައުލީމީ ވަކި މަރުކަޒެއްގެ ގޮތުގައި 1999 ވަނަ އަހަރު، ސަރުކާރުން ހިންގަން ފެށި ފެކަލްޓީ އޮފް ޝަރީއާގެ އެންމެ އިސް ވެރިއެއްގެ ގޮތުން އޭނާ ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ތައުލީމުގައި މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. އޭނާއަކީ ރާއްޖޭގެ މޮޅެތި އެތައް ވަކީލުންނާއި ޖަޖުންގެ އެދުރެކެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވި ގޮތުގައި ޑރ. އަބްދުލްމުހައިމިން ވަނީ، ޖީލުތަކަށް ދެމިގެންދާ ގޮތަށް އެތައް ވަކީލުންނާއި ޖަޖުން ބިނާކުރެއްވުމުގައި އެހީތެރިވެދެއްވާފަ އެވެ.

”އެއީ އަޅުގަނޑުމެންގެ ގިނަ ބަޔަކަށް ހަަމައެކަނި ތައުލީމީ ލީޑަރެއް ނޫން. ’ކޮންޓްރެކްޓް އޮފް ލޯ‘ އާއި ’ދަ ލޯ އޮފް ޓޯޓްސް’ގެ އެދުރު،“ މުހުތާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑރ. އަބްދުލްމުހައިމިންގެ ހަނދާން އެ ބޭފުޅުން ކުރަނީ، އޭނާގެ ވިސްނުންތެރިކަމާއި އަހުލާގާއި އިންސާފަށް ދެއްވި އަހައްމިއްޔަތުކަމާ ގުޅުވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!