ހަނދަކީ އެމެރިކާގެ ތަނެއް: ޓްރަމްޕް
ދެންމެ | 07 ސެޕްޓެމްބަރ 2026

”ހަނދަކީ އެމެރިކާގެ ތަނެއް“ ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓަކާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް، ޖައްވީ ސިފައިންގެ އާ ޔުނިފޯމް ދައްކާލައްވައިފި އެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތު ސޯޝަލް“ ގައި އާދީއްތަ ދުވަހު ދުވަހު ކުރެއްވި މި ޕޯސްޓްގައި ހިމަނާފައިވަނީ ހަނދުގެ ކުރިމަތީގައި އެމެރިކާގެ ދިދަ ޖަހާފައިވާ މަންޒަރު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއަކާ އެކުގަ އެވެ. އަދި އެ ކުރެހުމާއެކު އެއްވެސް އިތުރު ތަފްސީލަކާ ނުލައި ލިޔުއްވާފައިވަނީ ”ހަނދަކީ އަހަރެމެންގެ ތަނެއް“ ކަމަށެވެ.

 

ޖައްވީ ސިފައިންގެ އާ ޔުނިފޯމާއި އެހެނިހެން ބަދަލުތައްމި ޕޯސްޓް ކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ ޖައްވީ ސިފައިން (ސްޕޭސް ފޯސް) އަށް ހާއްސަކޮށްގެން އޭއައި އިން ފަރުމާކޮށްފައިވާ އާ ކަޅު ޔުނިފޯމެއްގެ ޑިޒައިންތަކެއް ވެސް އާންމުކުރައްވައިފަ އެވެ. މި ޔުނިފޯމްތަކުގެ ކުލަތަކަކީ ”ސްޕޭސް ގްރޭ، މިޑްނައިޓް ބްލެކް، ސިލްވަ ގްރޭ އަދި ސެޓިން ބްލެކް“ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

 

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ޔުނިފޯމްތައް ”ސްޓާ ވޯޒް“ ފިލްމުތަކުން ފެންނަ ސިފައިންގެ ޔުނިފޯމާ ވައްތަރުކަމަށް ބުނެ ފާޑުކިޔައިފަ އެވެ. މީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ ޖައްވީ ދާއިރާގެ މާހިރުން ތަމްރީނުކުރުމަށް ”ޔުނައިޓެޑް ސްޓޭޓްސް ސްޕޭސް އެކަޑެމީ“ އެއް އުފެއްދެވުމުގެ ރަސްމީ އަމުރެއްގައި ވެސް ސޮއިކުރައްވައިފަ އެވެ.

 

ޓްރަމްޕުގެ ޕޯސްޓް

ޓްރަމްޕުގެ ޕޯސްޓް

ބޯޑަރުތަކާއި ނަންތައް ބަދަލުކުރުމުގެ ސިލްސިލާ ހަނދުގެ މިލްކުވެރިކަމާ ހިސާބަށް ދިޔަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާގެ ޗާޓަކަށް ބަދަލުތަކެއް ގެނެސް ”ނިއު މެކްސިކޯ“ ސްޓޭޓްގެ ނަމުން ”މެކްސިކޯ“ ކަނޑާލައި އެތަނަށް ”އެމެރިކާ“ އިތުރުކޮށްފަ އެވެ. އަދި އެ ސްޓޭޓްގެ ނަން ”ނިއު އެމެރިކާ“ އަށް ބަދަލުކުރުމަކީ މާ ރީތި އަދި އަބުރުވެރި ގޮތެއް ކަމަށް ވިދާޅުވި އެވެ.

 

މީގެ އިތުރުން، ދާދިފަހުން ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި އަކީ އެމެރިކާގެ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ބުނެ، އެތަނުގެ ނަން ”ޓްރަމްޕް ސްޓްރެއިޓް“ އަށް ބަދަލުކުރަން ފެނޭތޯ ވެސް ސުވާލުކުރައްވައިފަ އެވެ. އަދި އޮގަސްޓް މަހު ވަނީ ”ލޭކް އޮންޓޭރިއޯ“ ކިޔާ ކަނޑަށް ”ލޭކް އެމެރިކާ“ ގެ ނަމުން މުހާތަބުކުރުމަށް ސަރުކާރުގެ އިދާރާތަކަށް އަމުރުކުރައްވައިފަ އެވެ.

 

ހަނދަކީ އެމެރިކާގެ ތަނެއް ކަމަށް ޓްރަމްޕް ވިދާޅުވި އިރު ގާނޫނީ ގޮތުން އެއްވެސް ގައުމަކަށް ހަނދުގެ މިލްކުވެރިކަން ހޯދުމަކީ މުސްތަހީލު ކަމެކެވެ. އެމެރިކާ ހިމެނޭހެން 1967 ވަނަ އަހަރު ވަރަށް ގިނަ ގައުމުތަކުން ސޮއިކޮށްފައިވާ ”އައުޓަ ސްޕޭސް ޓްރީޓީ“ ނުވަތަ ބޭރު ފަޒާގެ މުއާހަދާގެ ދަށުން ހަނދާއި ޖައްވުގައިވާ އެހެނިހެން ތަކެއްޗަކީ ވަކި ގައުމެއްގެ ސިޔާދަތީ ބާރު ހިނގާނެ ނުވަތަ މިލްކު ކުރެވޭނެ ތަންތަނެއް ނޫނެވެ.

 

އެހެންވެ، ޓްރަމްޕުގެ މި ޕޯސްޓަކީ ރަސްމީ ސިފައެއްގައި އެމެރިކާއިން ހަނދުގެ މިލްކުވެރިކަމަށް ކުރި ގާނޫނީ ދައުވާއެއް ނޫނެވެ. ނަމަވެސް، މިއީ ސިޔާސީ ޝިއާރެއްގެ ގޮތުގައި ނުވަތަ ޖައްވީ ރޭހުގައި އެމެރިކާގެ ބާރުވެރިކަން ދެއްކުމުގެ ގޮތުން ކުރެއްވި ޕޯސްޓެއް ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!