އެޗްޑީސީގެ އާ އެމްޑީގެ އާދަޔާ ހިލާފް މަރުހަބާއިން ރައްޔިތުން ކޮސްވެ، އަންތަރީސް ވެއްޖެ
ދެންމެ | 06 ސެޕްޓެމްބަރ 2022

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ  މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފަށް ކީ މަރުހަބާއިން ގިނަ ބަޔަކު ކޮސްވެ އަންތަރީސް ވެއްޖެ އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އާތިފް ހަމަޖައްސާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. 2019 ވަނަ އަހަރުން ފެށިގެން އަހުމަދު އާތިފް ހުންނެވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ތެދެކެވެ. ރައްޔިތުން އަންތަރީސް ނުވާންވީ ސަބަބެއް ނެތެވެ. މުޅި ދުނިޔެ އިގްތިސާދީ އަޑިގަޑެއްގައި ވަކިން ހާއްސަ ހިޔާ ފުލެޓުގެ ކުލި ކުޑަ ކުރަމުން ދަނިކޮށް އެމްޑީއަށް މިފަދަ މަރުހަބާއެއް ރައްޔިތުންގެ ކުންފުންޏަކުން ކިޔުމަކީ އަޖަބެކެވެ.

އެޗްޑީސީގެ އެމްޑީ ކަމަށް އާތިފް ހަމަޖެއްސުމުން އެޗްޑީސީން  ވަނީ އާތިފަށް މަރުހަބާ ދެންނެވުމަށް އާދަޔާ ހިލާފް ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކާއެކު މަސައްކަތުގެ ދުވެލި ހަލުވިކުރުން ކަމަށެވެ.

”އަޅުގަނޑާއި އެކީ މަސައްކަތް ކުރަމުން މިއައި ޓީމާ އެކީ މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިޔަށް ގެންދިއުން.“ އާތިފް ވިދާޅުވެފައިވެއެވެ.

އެެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަހުމަދު އާތިފް އައްޔަނުކުރިކަން ހާމަކޮށް އެޗްޑީސީން ބުނީ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމަށް އައްޔަނުކުރި އާތިފްގެ އިރުޝާދާއި ލީޑަޝިޕްގެ ދަށުން އެޗްޑީސީ، އާ އުސްމިންތަކަކަށް ގެންދެވޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި އާތިފަކީ ހިންގުންތެރި، އެންމެނާއި ގުޅިގެން މަސައްކަތްކުރާ ބޭފުޅެއްކަމަށްވެސްް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!