ވެރިކަމަށް ދަހިވެތިވެ ބޫތުކެޔަސް ގައުމު ބަހާލަން ހެޔޮ ނުވާނެ: އަމުރް
ދެންމެ | 20 މެއި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވާން ކިތަންމެ ބޭނުން ފުޅު ވިޔަސް ރަށްތައް ބަހާ ހުސްކޮށްލުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު އެގޮތަށް ވިދާޅުވީ ބިޑަކާ ނުލައި އިގްތިސާދީ ބޭނުންތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފެށުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

އަމްރު ވިދާޅުވީ ވައްކަމުން ސަރުކާރު ކުންފުނިތައް ހުސްކޮއްލާ، ބަދަލުދީ ބައިތުލް މާލު ހުސްކޮށްލާ، ބަހާ ރަށްތައް ހުސްކޮށްލުމަކީ އިންތިޚާބުވާން ކިތަންމެ ބޭނުން ވިޔަސް ކުރަން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށެވެ.

އެހެންވެ ވެރިކަމުގައި ގަދަ ބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖެއްސުމަށް އަމްރު ގޮވާލެއްވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ގެޒެޓުކުރި އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ވަކި ދާއިރާތަކެއްގައި ހިމެނޭ ފަޅުރަށްރަށް ނޫން އެހެން ފަޅުރަށްރަށް އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިދާނެ އެވެ.

އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ގޮތަކަށެވެ.

ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކުރުމުން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރާއިރު ބިޑަކާއި ނުލައި ދެވޭ ސަރުކާރުގެ ”އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ“ގެ ދަށުން އެ ރަށެއްގައި ކުރަން ބޭނުންވާ ކަމަކާއި ބެހޭ ގޮތުން ތަފްސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން ގެންދެވީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަންގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމާ ގުޅިގެން މިދިޔަ މާޗު މަހު ފަހުކޮޅު އެވެ.

މަގާމުން ދުރުކުރި ފަހުން އަމްރު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!