ބަލިމީހުންގެ ނަމުގައި ސްކޭމްތަކެއް، ސަމާލުވާން ބުނެފި
ދެންމެ | 10 މާރޗް 2026

ބަލި މީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، މި ދުވަސްވަރު ފޭސްބުކްގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ނަމަވެސް، އޭގެތެރޭގައި ގިނައީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޖަހާފައިވާ ޕޯސްޓުތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ.

ސްކޭމްތަކަށް ހޭލުންތެރިވުމަށް އެދި ކޮށްފައިވާ އެ ޕޯސްޓާ އެކު ފުލުހުން ވަނީ މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި އޭނާއަކީ އެކަނިވެރި މައެއް ކަމަށް ބުނެފަ އެވެ. އަދި ޕޯސްޓުގައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރެއްގެ އިތުރުން، އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށް ބުނެފަ އެވެ.

މީހުންނަށް އެހީތެރިވުމުގެ މާތްކަމާ ގުޅޭ ދީނީ ވާހަކަތަކަކާއި ހަދީސްތަކެއް ވެސް އެ ޕޯސްޓުގައިވާއިރު އެހީތެރިވުމުގެ ގާބިލުކަމެއް ނެތް ނަމަ، ޕޯސްޓު ޝެއާކުރަން ވެސް އެދިފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސްކޭމަރުން އެކި އުކުޅުތައް ބޭނުންކުރެ އެވެ. މިގޮތުން، ޒަމާނަށް އަންނަ ބަދަލުތަކުން އެ އުކުޅުތަކަށް ވެސް ދަނީ ބަދަލުތައް އަންނަމުންވެ.

މީގެކުރިން ވެސް ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކުރި އެވެ. ސްކޭމްގެ މައްސަލަތައް 125 އަށް ގުޅައި ރިޕޯޓް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!