އިރާގުގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ކޭސީ-135 މަރުކާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓައިލައިފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، މި ހާދިސާ ހިނގީ އޮޕަރޭޝަން އެޕިކް ފިއުރީގެ ތެރޭގައި ކަމަށާއި ނަމަވެސް އެއީ ދެކޮޅުވެރިވެގެން ހިނގި ހާދިސާއެއް ނޫން ކަމަށެވެ.
ބުރާސްފަތި ދުވަހު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އިރާގުގެ ހުޅަނގަށް އެއް މަތިންދާބޯޓު ވެއްޓި، ދެވަނަ މަތިންދާބޯޓު ސަލާމަތުން ޖައްސާފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އީރާނުން ވާގިވެރިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް، ”އިސްލާމިކް ރެސިސްޓެންސް އިން އިރާގު“އިން ވަނީ އެ މަތިންދާބޯޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައިވާނެ ކަމުގައި ބުނެ، މަތިންދާބޯޓު ވައްޓައިލުމުގެ ޒިންމާ އުފުލާފަ އެވެ.
މިއީ މިހާރު އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ތެރޭގައި ވެއްޓުނު އެމެރިކާގެ ހަތަރު ވަނީ އެއާކްރާފްޓެވެ. މީގެ ކުރިން ކުވައިތުގެ ވައިގެ ދިފާއުން އޮޅިގެން ދެވުނު ކަމަށް ބުނާ ހަމަލާތަކެއްގައި އެމެރިކާގެ އެފް-15 މަރުކާގެ ތިން ޖެޓް ވެއްޓިފައިވެ އެވެ. އެ ހާދިސާގައި ތިން ޖެޓްގެ ހަ ކްރޫ ވެސް ވަނީ ސަލާމަތްވެފަ އެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވާއިރު، ހަނގުރާމަ އަދިވެސް އަންނަނީ އިތުރަށް ފުޅާވަމުންނެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހުން މަރުވެ، 140 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމުވެފަ އެވެ. އަދި، ޔަހޫދީންގެ 15 މީހަކު މަރުވެފައިވާއިރު، އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރަމުންދާ އީރާނުގެ 1,348 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. މުޅި، މެދުއިރުމައްޗަށް ފުޅާވެފައިވާ މި ހަނގުރާމައިގައި ގަލްފުގެ އެހެން ގައުމުތަކުން ވެސް 17 މީހަކު ވަނީ މަރުވެފަ އެވެ.



