ނަތަންޔާހޫ މަރުނުވަންޏާ، ހުރި ތަނަކުން ހޯދައި މަރާލާނަން: އީރާން
ދެންމެ | 15 މާރޗް 2026

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރި ތަނަކުން ހޯދައި މަރާލާފައި ނޫނީ ހުއްޓާނުލާނަން ކަމަށް އީރާން ސިފައިންގެ ވަރުގަދަ އިންގިލާބީ ލަޝްކަރުން މިއަދު އިންޒާރު ދީފި އެވެ.

”ކުޑަކުދިން މަރާ މި މުޖުރިމު ދުނިޔޭގައި ހުރިހާ ހިނދަކު، އޭނާ ހޯދައި މަރާލުމަށް ހުރިހާ ބާރަކާ އެކު މަސައްކަތްކުރާނަން،“ އިންގިލާބީ ލަޝްކަރުގެ ’ސެޕާ ނިއުސް‘ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ނަތަންޔާހޫ މަރާލާނެ ކަމުގެ ސީދާ އިންޒާރު އީރާންގެ ސިފައިންގެ ފަރާތުން އައިސްފައި މި ވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ދޭ ހަމަލާތަކަށް ފަހު ނަތަންޔާހޫ ”ގެއްލިއްޖެ“ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގެ ވީޑިއޯގައި ނަތަންޔާހޫގެ އަތުން ހަ އިނގިލި ފެންނަ ކަމަށާއި އެއީ އޭއައިިން ހަދާފައިވާ ފޭކް ވީޑިއޯތަކެއް ކަމަށް ބުނެ އުފައްދާ ސުވާލު ވެސް ވަނީ ގިނަވެފަ އެވެ.

އީރާނަށް މިދިޔަ މަހުގެ 28 ގައި ހަމަލާދޭން ފެށި ފަހުން ނަތަންޔާހޫ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގެ އެ ވީޑިއޯގައި އޭނާ ވަނީ އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކުރި އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވެސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

”އަހަރެމެން އަމަލުކުރާ ގޮތުގެ ތަފްސީލެއް ނުދޭނަން. އަހަރެމެން މި ދަނީ ސަރުކާރު ވައްޓާލަން އެންމެ ރަނގަޅު މާހައުލު ގާއިމް ކުރަމުން. އެކަމަކު އީރާނުގެ ރައްޔިތުން ވެރިކަން ވައްޓާލާނެކަން ޔަގީންކަމާ އެކު ބުނާކަށް ނޭނގެ،“ ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ކޮބައިތޯ ސުވާލުކުރާ މީހުން ގިނަވެފައި ވާއިރު އޭގެ ތެރޭގައި އެމެރިކާގެ ކޮންޒަވޭޓިވް ޕޮލިޓިކަލް ކޮމެންޓޭޓަރު ކެންޑޭސް އޯވަންސް ވެސް ހިމެނެ އެވެ. އޭނާ ވަނީ ނަތަންޔާހޫގެ ވަނަމުން މުހާތަބުކުރަމުން، ”ބީބީ ކޮބާ؟“ ތޯ އަހައިފަ އެވެ.

”އޭނާގެ އޮފީހުން ފޭކް އޭއައި ވީޑިއޯ އާންމުކުރުމަށް ފަހު ޑިލީޓްކުރަނީ ކީއްވެ؟ އަދި ވައިޓް ހައުސްގައި މާ ބޮޑު ހާސްކަމެއް އުފެދިގެން އުޅެނީ ކީއްވެ؟“ އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!