އީރާނުގެ ހަމަލާއެއްގައި އިސްރާއީލުގެ ދެމަފިރިއަކު މަރުވެއްޖެ
ދެންމެ | 18 މާރޗް 2026

އިސްރާއިލްގެ ތެލް އަވީވްގެ ރަމަތު ގަން އަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެމްބިއުލާންސް ސާވިސްއިން ބުނެފިއެވެ.

އީރާނުން ރޭ ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުން ބުނީ މި ހަމަލާތައް ދީފައި ވަނީ އެ ގައުމުގެ އިސް ލީޑަރުންތަކެއް އަވަހާރަކޮށްލުމާއި ގުޅިގެން ކަމަށެވެ.

ހިބްރޫ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ރޭ ދިން ހަމަލާތަކުގައި ބަޔަކު މަރުވެސް ވެފައި ވެއެވެ. މަރުވި ދެ މީހުންނަކީ އުމުރުން 70 އަހަރުގެ ދެމަފިރިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މީހުންނަށް މިސައިލްގެ ހަމަލާގެ ބައިތަކުން އަނިޔާވެފައި ވަނީ ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް ބިންގަރާހަކަށް ވަންނަން ދިޔަ މަގުމަތީގައެވެ.

އެމްޑީއޭ އިން ބުނެފައިވާގޮތުގައި ބްނެއި ބްރެކްގައި ދިރިއުޅޭ އުމުރުން 25 އަހަރުގެ ޒުވާނެއްގެ އަތަށްވެސް މިސައިލުގެ ބައެއް ވަދެގެން ޓެލް އަވީވްގެ އިޗިލޯވް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ.

އީރާނުން ރޭ ދިން ހަމަލާތަކުގައި އިސްރާއީލުގެ މަގުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މިސައިލްގެ ހަމަލާތަކުގެ ސަބަބުން މަގުމައްޗަށް ގެއްލުން ލިބިފައިވާ ތަނެވެ.

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ހާދިސާއަށް ފަހުވެސް، އީރާނުން ވަނީ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!