އީރާނުން އިސްރާއީލްގެ ތެޔޮ ކާރުހާނާއަކަށް މިސައިލުން ހަމަލާދީ ގޮއްވާލައިފި
ދެންމެ | 19 މާރޗް 2026

އީރާނުން ފޮނުވާލި މިސައިލް ހަމަލާއެއް، އިސްރާއީލުން ހިފާފައިވާ ހައިފާގައި ހުރި ތެޔޮ ކާރުހާނާއަކަށް އަމާޒުވެ، އެ ތަނުގައި ރޯވެއްޖެއެވެ.

ރެސްކިއު ހިދުމަތްދޭ ފަރާތްތަކުން ބުނެފައިވަނީ މި ހަމަލާގައި މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކާރުހާނާގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. މި ކަމާ ގުޅިގެން އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އީރާނުން އިސްރާއީލްގެ ތެޔޮ ކާރުހާނާއަކަށް އަމާޒުކޮށް ހަމަލާ ދިންއިރު، އީރާނުން ވަނީ ގަތަރާއި ކުވައިތާއި ސައުދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދީފައެވެ. މި ހަމަލާތައް އީރާނުން ދީފައި ވަނީ އިސްރާއީލުން އީރާނުގެ އުތުރުގެ ބަންދަރު އަންޒާލީ އާއި ސައުތު ޕާސް ގޭސް ފީލްޑަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އީރާންގެ ހަމަލާއާ ގުޅިގެން ގަތަރުގެ މައި ގޭސް ކާރުހާނާއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުން އީރާނުގެ ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސައުތު ޕާސް ފީލްޑްގައި ހުންނަ ގުދުރަތީ ގޭސް ކާރުހާނާތަކަށް ދިން ހަމަލާއާ ގުޅިގެން ތެލާއި ގޭހުގެ އަގު އަނެއްކާވެސް ވަނީ އުފުލިފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ބާޒާރުގައި ބްރެންޓް ކްރޫޑް އޮއިލް ފީފާއެއްގެ އަގު މިވަގުތު ވެސް ހުރީ 111 ޑޮލަރުގައެވެ.

އީރާނުގެ ހަކަތައިގެ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އަސަލުޔޭގައި ހުންނަ ތެލާއި ޕެޓްރޯކެމިކަލް ފެސިލިޓީތަކަށް ވެސް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި ހަމަލާތަކުން ދައްކުވައިދެނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފައްދާ ތަންތަނަށް ނުރައްކާ ވެފައިވާ ކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!