އެމެރިކާގެ އެއްގަމު ސިފައިން އިރާނަށް އަރައިފި ހާލަތެއްގައި، އިރާނުގެ ސިފައިންނަށް އެހީތެރިވުމަށް ޗެޗްނިޔާގެ އަސްކަރީ ޔުނިޓްތަކުން ތައްޔާރަށް ތިބިކަން އިއުލާންކޮށްފިއެވެ.
ރަޝިޔާގެ ޗެޗްނިޔާ ޖުމްހޫރިއްޔާގެ ވެރިޔާ ރަމްޒާން ކަދީރޯވްއަށް ވަފާތެރި މި ލަޝްކަރުން ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ދީނީ ހަނގުރާމައެއް ކަމަށެވެ.
ޗެޗްނިޔާގެ ފައުޖުތަކުން މި ހަނގުރާމަ ސިފަކޮށްފައިވަނީ ”ޖިހާދެއް“ގެ ގޮތުގައެވެ. އެއީ ނުބައިކަމުގެ މައްޗަށް ހެޔޮކަން ކުރިހޯދުމަށް ކުރެވޭ ހަނގުރާމައެއް ކަމަށާއި، އެމެރިކާ އާއި އެކުވެރި ބާރުތަކާ ދެކޮޅަށް އިސްލާމީ ޖުމްހޫރިއްޔާ ދިފާއުކުރުމުގައި ބައިވެރިވާން ތައްޔާރު ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި ނިންމުން އައިސްފައިވަނީ އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ފާއިތުވި ހަފުތާތަކުގައި ވައިގެ މަގުން ދިން ހަމަލާތަކުން ބޭނުންވި ނަތީޖާ ނުލިބުމުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސިފައިން މިހާރު ދަނީ އެއްގަމު މަގުން އިރާނަށް އެރުމަށް ތައްޔާރުވަމުންނެވެ.
މި ހަނގުރާމަ ފެށިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު، ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި ބައެއް އިސް ކޮމާންޑަރުން އަދި އާންމުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މީގެ އިތުރުން އިރާނުގެ ދެކުނުގެ މިނާބް ސަރަހައްދުން 170 އަށްވުރެ ގިނަ ސްކޫލް ކުދިން ވެސް މި ހަމަލާތަކުގައި ވަނީ ޝަހީދުވެފަ އެވެ. މީގެ ރައްދުގައި އިރާނުން ވަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 86 ފަހަރެއްގެ މަތިން މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
މި ހަނގުރާމައިގައި ޔޫކްރޭންގެ ސިފައިން ފާޅުގައި އެމެރިކާ އާއި އިސްރާއީލަށް ތާއީދުކުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ޔޫކްރޭނުން މިކަމުގައި ބައިވެރިވުމަކީ ރަޝިޔާއަށް ދެވޭ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. އިރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ، ޔޫކްރޭނުން ސަތޭކައަށްވުރެ ގިނަ މާހިރުން އެ ސަރަހައްދަށް ފޮނުވައިގެން ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވަމުންދާ ދިއުން ކުށްވެރިކުރައްވާފަ އެވެ.



