ޗާގޯސްއަކީ ރާއްޖެއާ ވާހަކަ ދައްކަން ޖެހޭ މައްސަލައެއް ނޫން: ޔޫކޭ
ދެންމެ | 09 ސެޕްޓެމްބަރ 2026

ރާއްޖޭގެ ދެކުނުގައިވާ ޗާގޯސް އާކިޕަލަގޯގެ ސިޔާދަތަކީ ހަމަ އެކަނި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށާއި އެކަމުގައި ދިވެހިރާއްޖެއާ މަޝްވަރާ ނުކުރަނީ އެހެންވެ ކަމަށް ޔޫކޭ އިން އަނެއްކާވެސް ބުނެފި އެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރަން ފަށާތީ، ޗާގޯސްގެ ސިޔާދަތާ ބެހޭ ގޮތުން ރާއްޖެއާ މަޝްވަރާކުރަން އެދިވަަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

އެ ސިޓީފުޅުގައި، އެކަމާ ގުޅޭ ގޮތުން މަޝްވަރާއަށް ރާއްޖެ ވަޑައިގަތުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

މި ދައުވަތާ ގުޅޭ ގޮތުން، ޔޫކޭ ފޮރިން އޮފީހުގެ ތަރުޖަމާނު ބައިނަލް އަގުވާމީ މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ ތަފާތު ގިނަ ކަންތައްތަކާ މެދު ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގަވާއިދުން މަޝްވަރާތައް ކުރާ ކަމަށެވެ. އެކަމަކު ޗާގޯސްގެ ސިޔާދަތާ މެދު އޮތް ސުވާލަކީ ޔޫކޭއާ މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީގައި މަޝްވަރާގެ ދައުވަތުގެ އިތުރުން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޔޫކޭއިން ނިންމި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ.

”ދިވެހިރާއްޖެ އާއި ޗާގޯސް ހިއްސާކުރާ ތާރީހާއި ރާއްޖެއާ ޗާގޯސްއާ ދެމެދު ސަގާފީ ގޮތުން އޮތް ގުޅުން ރައީސް ފާހަގަކުރެއްވި. ފުޅާދާއިރާއެއްގައި ކަނޑުގެ މާހައުލު ހިމާޔަތްކުރުމާއި ސައިންޓިފިކް ރިސާޗް އެކްސްޕެޑިޝަންތައް އެ ސަރަހައްދުގައި ހިންގަން ރާއްޖޭން ކުރިއްސުރެ ކުރަމުން އަންނަ ތާއީދު ވެސް ފާހަގަކުރެއްވި،“ ރައީސްގެ ސިޓީފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ޖެހި ލިއުމުގައި ބުންޏެވެ.

އެކަމުގައި ޔޫކޭއާ އެކު އިތުބާރު ހިފޭ، ބިނާކުރަނިވި ޕާޓްނަޝިޕެއް ދަމަހައްޓައި، އެއާއެކު ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަން ރާއްޖޭން އެދޭ ކަމަށް ވެސް އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެ ޑިމާންޑަށް ޔޫކޭއިން މިފަހަރު ސާފުކޮށް ރައްދު ދިން އިރު އެ ގައުމުން ކުރިން ވެސް ދަމަހައްޓަމުން ގެންދިޔައީ އެ ސިޔާސަތެވެ. ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ރާއްޖޭން ދެކޮޅު ހަދާ ކަމަށާއި އެ ރަށްތައް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެ، މިދިޔަ ފެބްރުއަރީ މަހު ވެސް ރައީސް ޔޫކޭއަށް ސިޓީއެއް ފޮނުއްވި އެވެ.

އެ ފަހަރު ވެސް އެގައުުމުން ބުނީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މައްސަލަ އޮތީ އެގައުމާ މޮރިޝަސްއާ ދެމެދު ކަމަށެވެ.

މޮރިޝަސް އިސްތިއުމާރު ކޮށްގެން އިނގިރޭސިން ތިބުމަށް ފަހު، މޮރިޝަސް އަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސި ވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ.

ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުން ބަލައިގަތުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހެދުމަށް ފަހު، މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ ޝަރުތު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!