ކުޅިތައް ހިމާޔަތްކުރަން އީޔޫން 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފި
ދެންމެ | 21 މެއި 2026

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް އާލާކުރުމުގެ މަޝްރޫއެއް ހިންގުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހަތަރު މިލިއަން ޔޫރޯ (4.6 މިލިއަން ޑޮލަރު/ 71.6 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ.

”މުޖުތަމައު ބައިވެރިކޮށްގެން ރާއްޖޭގެ ކުޅިތައް ހިމާޔަތްކޮށް އާލާކުރުން“ މި ނަމުގައި ހިންގާ މަޝްރޫއުގެ ފައިނޭންސިން އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރޭމުންޑޯގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭއެވެ.

މިއަދު ހެނދުނު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖޮހާން ހެސޭ ވިދާޅުވީ، ކަނޑޫފާތަކަކީ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. ނަމަވެސް އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރެވޭނީ އާންމު ރައްޔިތުންގެ ބައިވެރިވުމާއި ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ބޭނުންކުރާނީ، ”ކޮމިއުނިޓީ ބޭސްޑް އިނިޝިއޭޓިވް“ގެ ދަށުން މުޖުތަމައުގެ ބައިވެރިވުމާ އެކު ކުރިއަށްގެންދާ ކުޅިތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި، ދިރުންތަކާއި އައްސޭރިފަށް ހިމާޔަތްކުރުން އަދި މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ކުޅިތަކުން އަދާކުރާ ދައުރު ފުޅާކުރުންފަދަ މަސައްކަތްތައް ހިމެނެ އެވެ.

މި އެހީގެ ސަބަބުން، ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލީ ޑިޓަމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0، ތަންފީޒުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!