އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ދެލިކޮޕީއެއް އެކަށައެޅިއްޖެ ކަމަށް، ޕާކިސްތާނު އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
މިފަދަ އެއްބަސްވުމެއް ހެދިއްޖެނަމަ އީރާނާއި އެމެރިކާއާ ދެމެދު ފެށި ހަނގުރާމަ ދާއިމަށް ނިމުމަކަށް ގެނައުމަށް މަގުފަހިވެގެންދިޔައީއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ދެކެވެމުންދާ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރައްވާ ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޖެނެރަލް ސައްޔިދު އާސިމް މުނީރު، ތެހެރާނަށް ވަޑައިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި، އީރާނުގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވެވަޑައި ގަންނަވާ އިސް މަންދޫބު އަދި އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ ބައްދަލު ކުރައްވައި ސީރިއަސް މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ.
ޕާކިސްތާނު އަސްކަރިއްޔާއިން ބުނެފައިވަނީ، ފީލްޑް މާޝަލް ޖެނެރަލް ސައްޔިދު އާސިމް މުނީރު އީރާނުގެ ވެރިންނާއެކު ބޭއްވި ވާހަކަތަކުން އެދެވޭ ކުރިއެރުންތަކެއް ލިބި، އުންމީދު އާވެފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނަނީ، ޖެނެރަލް އާސިމް މުނީރު ތެހެރާނުން ފުރާވަޑައިގެންނެވީ އީރާން-އެމެރިކާއާ ދެމެދު ހަދާ މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ – އެމްއޯޔޫގެ ދެލިކޮޕީ އެކުލަވާލެއްވުމަށް ފަހުގައި ކަމަށެވެ.
އެމްއޯޔޫގެ ދެލިކޮޕީގައި ސީދާ ހިމެނޭ ކަންކަމެއް އަދި މީޑިއާއަށް ތިލައެއް ނުވެއެވެ.
ނަމަވެސް، އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، އެމެރިކާގެ ބްލޮކޭޑް އުވާލުމާއި، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާނެ އިންތިޒާމުތަކެއް އީރާނުން ހުށަހަޅާފައިވާނޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، އީރާނާއެކު އެމެރިކާއިން ހަދާ ކޮންމެ އެއްބަސްވުމެއްގައި އިސްރާއީލުގެ މަސްލަހަތަށް އިސްކަން ދޭނޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަނީ، ސަރަހައްދުގެ ބޮޑެތި ބާރުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި އެމެރިކާގެ ނިންމުން ހިއްސާ ކުރަމުންނެވެ. އެގޮތުން، މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު، ތުރުކީ، ޔޫއޭއީ އަދި ޕާކިސްތާނުގެ ވެރިންނަށް އެމެރިކާގެ ރައީސް މިރޭ ފޯނުން ގުޅާނެ ކަމަށް ވެއެވެ.
ހަމަ އެއާއެކު، އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫއަށްވެސް ޓްރަމްޕް ގުޅައި، އީރާނާއެކު ދެކެވެމުންދާ ވާހަކަތަކުން ހޯދިފައިވާ ކުރިއެރުންތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެއެވެ.
އީރާނާއެކު އެއްވެސް އެއްބަސްވުމެއް ހެދުމަށް ނަތަންޔާހޫ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށެވެ. އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، މިހާރު އެކުލަވާލާފައިވާ ދެލިކޮޕީއާމެދު ނަތަންޔާހޫ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެކަމަކު، ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އެމެރިކާގެ ރައީސް ނިންމާގޮތެއް މިރޭ އިއުލާން ކުރާނެއެވެ. އެކަމަށްޓަކައި ވައިޓް ހައުސްގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިބް ރައީސް ޖޭޑީ ވެންސާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ، ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތު އަދި އަސްކަރިއްޔާގެ އިސް ޖެނެރަލުން ވައިޓް ހައުސްއަށް އައުމަށް ޓްރަމްޕް ވަނީ އަންގާފައެވެ.
އޭގެކުރިން ޓްރަމްޕް ގެންދަނީ، ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ގުޅައި، މައުލޫމާތު ހިއްސާކުރަމުންނެވެ. އެކަމަށް މިހާރު ވަނީ މަދު ގަޑިއިރުތަކަކަށް ވަގުތު ކުޑަތަން ވެފައެވެ.



