ބަގްލަދޭސްގައި އީދަށް ކަތިލަށް އުޅުނު މީގޮނު ޓްރަންޕާއި ވައްތަރުވުމުން ސަރުކާރުން ހިމާޔަތްދީ ޒުލަށް ގެންގޮސްފި
ދެންމެ | 28 މެއި 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރު، ރަންކުލައިގެ ފަން އިސްތަށިގަނޑެއް ހުރުމުގެ ސަބަބުން ބަންގްލަދޭޝްގައި ”ޑޮނަލްޑް ޓްރަމްޕް“ ގެ ނަމުން މަގުބޫލުކަން ހޯދި މީގޮނު (ބަފަލޯ)، އަޟްހާ އީދު ދުވަހު ކަތިލާން އުޅެނިކޮށް ސަރުކާރުން އެއަށް ހިމާޔަތްދީ ޒުލަށް ގެންގޮސްފި އެވެ.

ގާތްގަނޑަކަށް 170 މިލިއަނުގެ އާބާދީއެއް އޮންނަ، މުސްލިމް އަޣުލަބިއްޔަތު އޮންނަ ބަންގްލަދޭޝްގައި އަޟްހާ އީދަކީ މިއަދެވެ.

މިއީ 700 ކިލޯގްރާމްގެ ބަރުދަން ހުރި، ހަމުގެ ކުލަ އަލި، ވަރަށް މަދުން ނޫނީ ނުފެންނަ [އަލްބީނޯ] މީގޮނެކެވެ.

ނަމަވެސް، މި ސޮރު ކަތިލަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އެކަމަށް ހުރަސްއަޅައިފަ އެވެ.

ގައުމީ ޒުލުގެ ކިއުރޭޓަރު އާތިގުރް ރަހުމާން ބުދަދުވަހު އޭއެފްޕީއަށް ވިދާޅުވީ މި ޖަނަވާރު ވަރަށް ރަނގަޅަށް ބަލަހައްޓާނަން ކަމަށެވެ.

”އަހަރެމެން މިހާރު ވާނީ މި އަލްބީނޯ މީގޮނަށް ހާއްސަ ކޮއްޓެއް ހަދައި، ބަލަހައްޓާނެ މީހަކުވެސް ހަމަޖައްސާފައި. ފުރަތަމަ ދެ ހަފުތާގައި އެ ސޮރު ބާއްވާީ ކަރަންޓީނުކޮށްފައި،“ ރަހުމާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ މި އާދަޔާ ހިލާފު ތަރިއާ އެކު ފޮޓޯ ނެގުމަށްޓަކައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ.

އެ މީގޮނުގެ ކުރީގެ ވެރިޔާ، އުމުރުން 38 އަހަރުގެ ޒިއާ އުއްދީން މްރިދާ ބުނީ، އޭނާގެ ކޮއްކޮ އެ ސޮރަށް ”ޓްރަމްޕް“ ގެ ނަން ދިނީ އޭގެ ބޮލުގައި ހުރި ”އާދަޔާ ހިލާފު ރީތި އިސްތަށިގަނޑުގެ“ ސަބަބުން ކަމަށެވެ. އަދި އެ ސޮރު ދެކިލުމަށް ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު މެދުކެނޑުމެއްނެތި ޒިޔާރަތްކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

މްރިދާ ވަނީ އީދު ކުރިއަށް އޮއްވައި އެ ސޮރު ވިއްކާލައިފަ އެވެ. ނަމަވެސް، ސަރުކާރުން އެ ސޮރު ގުރުބާން ނުކުރުމަށް އެންގުމާ އެކު ފުލުހުން ވަނީ އެ ގެންގޮސްފަ އެވެ.

”ލައިވްސްޓޮކް ޑިޕާޓްމަންޓުން އަހަރެމެންގެ ކިބައިން އެދުނީ މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ނާދިރު ޖަނަވާރަކަށް ވާތީ ވެރިޔާގެ އަތުން މި މީގޮނު އަތުލަން،“ މީގޮނު ގެންދިޔަ ޑާކާގެ ކެރާނީގަންޖް ޕޮލިސް ސްޓޭޝަނުގެ އޮފިސަރު އިން ޗާޖް މުހައްމަދު ރުހުލް ގުއްދޫސް އޭއެފްޕީއަށް ވިދާޅުވި އެވެ.

”އެ ބޭފުޅުން ވިދާޅުވީ މި އަލްބީނޯ މީގޮނަކީ އަދި ވަރަށް ޅަ އެއްޗެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެ ސޮރު އަދި ބޮޑުވާނެ ކަމަށް.“

ބަންގްލަދޭޝްގައި މި އަހަރުގެ އީދު ބަންދުގައި ބަކަރި، ކަންބަޅި، ގެރި އަދި މީގޮނު ހިމެނޭހެން 12 މިލިއަނަށްވުރެ ގިނަ ޖަނަވާރު ގުރުބާންކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ އެ ގައުމުގެ ފަގީރު އާއިލާތަކަށް މިފަދަ ޖަނަވާރުގެ މަސް ކާން ލިބޭ މަދު ފުރުސަތުތަކުތަކުގެ ތެރެއިން ފުރުސަތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!