ކެންޕެއިން ކުރައްވަން ރަށްރަށަށް ވަޑައިނުގަންނަވައި، ގޭގައި އިންނަވައިގެންވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިނަދޫގައި ބޭއްވި ބޮޑު ބަދަލު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، މިއަދުގެ ޒުވާނުން ހިތްހަމަޖެހިގެން ”ކޮފީ ބޮއިލަ ބޮއިލާ“ ތިބެވެނީ ކޮން ބަޔަކު، ކޮން ކަމެއް ކޮށްގެންތޯ ބެލުމަށް އެ ޒުވާނުންގެ ކިބައިން އެދިފައެވެ.
އަދި ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީ ކޮޅުތަކުގައި ރާއްޖޭގެ ޖަލުތަކުގައި ޒުވާނުން ތިބި މިންވަރު އެމަނިކުފާނު ލޮލުން ދެކެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ޒުވާނުން މަގުމައްޗަށް ނުކުތުމަށް އެދޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ ޗެއާޕާސަން ކަމަށް އެމަނިކުފާނު ކުރިމަތިލެއްވީ، ރާއްޖެ ސަލާމަތްކުރެވޭނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމުގައި ވާތީ ކަމަށެވެ. އަދި ރީނދޫ ލަޝްކަރު މުޅި ރާއްޖޭގައި ރުކުރުވާލެވިފައިވާ ކަމަށާ، އެ ލަޝްކަރުގެ ފޯރިއާއެކު އެމަނިކުފާނު ޗެއާޕާސަން ކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއާއެކު ނަޝީދު ވިދާޅުވީ، ޗެއާޕާސަން ކަމަށް ކުރިމަތިލައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވަނީ އެ އިންތިޚާބަށް ވޯޓު ހޯދަން އެކަނި ނޫން ކަމަށެވެ.
އަޅުގަނޑު ޗެއާޕާސަން ކަމަށް ކުރިމަތިލައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަމުން މި ގެންދަނީ މި އިންތިޚާބަށް ވޯޓު ހޯދަން އެކަންޏެއް ނޫން. ރަނގަޅައްވިޔާ އަޅުގަނޑު ގޭގައި އިނދެ ގުޅައިގެން ވެސް މި އިންތިޚާބު ކާމިޔާބުވާ ވަރަށް ވޯޓްލިބޭނެ. އެހެން ނަމަވެސް އަޅުގަނޑު ގޭގައި ފިނި ކޮޓަރީގައި އިނދެގެނެއް ރީނދޫ ލަޝްކަރެއް ނުނެރެވޭނެ. ރީނދޫ ކުލައެއް އާއްމެއް ނުކުރެވޭނެ. އެމްޑީޕީގެ އަޑެއް އުފުލައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ވަކާލާތެއް ނުވެއް ކުރެވޭނެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދު ވިދާޅުވިގޮތުގައި ރީނދޫ ލަޝްކަރު ނެރެވޭނީ ނުކުމެ، ގޭގެއަށްގޮސް ރައްޔިތުންނާ ބައްދަލުކޮށްގެންނެވެ.
އެކަން ކުރޭވޭނީ ބުރަ މަސައްކަތުން ގޭގޭގެ ބަދުގެއަށްވެސް ވަދެގެން، ގޭގޭގެ ގިފިއްޔަށްވެސް ވަދެގެން، ގޭގޭގެ ބޮޑު ކޮޓަރިތަކަށްވެސް ގޮސްގެން. ސައި ކޮޓަރިތަކުގައިވެސް ހުރެގެން. އެކަން ކުރެވޭނީ ޖަލްސާބާއްވައި ބައްދަލުވުންތައްވެސް ބާއްވައިގެން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދު އިތުރަށް ވިދާޅުވީ، ރީނދޫ ލަޝްކަރުގެ އެހީއާއެކު 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.



