އެމެރިކާގެ ރައީސް ޑޮނަލްޑްގެ އުމުރުން 80 އަހަރު ފުރުނުއިރު، އެއީ އުފާވާ ކަމެއް ނޫން ކަމަށާއި، އުފަން ދުވަހުގެ ތަހުނިޔާ ނުފޮނުވުމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، މިއީ ޓްރަމްޕްގެ ޙަޔާތުގައި ވަރަށް މުހިންމު މަރުޙަލާ އަކަށް ވާނެ އެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވެފައި ވަނީ މިއީ އޭނާ ބޮޑަށް އިންތިޒާރު ކުރެއްވި ދުވަހެއް ނޫން ކަމަށެވެ.
ސެންޓާސް ފޯ މެޑިކެއަރ އެންޑް މެޑިކެއިޑް ސާވިސަސްގެ އެޑްމިނިސްޓްރޭޓަރ ޑޮކްޓަރު މެހްމެޓް އޯޒްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އުމުރުން 80 އަހަރު ފުރުމަކީ އޭނާ މާ ބޮޑަށް އުންމީދު ކުރެއްވި ކަމެއް ނޫން ކަމަށެވެ. ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ނުކިޔުމަށް ވެސް ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އުމުރުން 80 އަހަރު ފުރުމަކީ އޭނާ މީގެ ކުރިން ދުވަހަކު ވެސް މާ ބޮޑަށް ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ ގަޔާވާ އަދަދެއް ވެސް ނޫން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، މިއަދު އުމުރުން 80 އަހަރު ވެފައިވާ ކަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، އޭނާ އަކީ އެމެރިކާގެ ތާރީޚުގައި ވެރިކަމުގައި ހުންނެވި އެންމެ ދުވަސްވީ ރައީސް އެވެ. މިހާރު ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕް އަކީ، އެމެރިކާގެ ސިޔާސީ މައިދާނުގައި އަދިވެސް ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ.
ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރުވުމާ ގުޅިގެން، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ވައިޓް ހައުސްގެ ބަގީޗާގައި މި މުބާރާތް ބާއްވާއިރު، މިއީ އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތައް ވާނެ އެވެ.



