އެމެރިކާއާއި އީރާނާއި ދެމެދު ކުރަމުން އައި ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ދެގައުމުން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާކަން އިއުލާނުކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަމުން އައި ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހެބާޒް ޝަރީފެވެ. މީގެ ކުރިން މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިއްޔެ އަމަލުކުރަން ފަށާނެކަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.
ނަމަވެސް އާދިއްތަ ދުވަސް ނިމުނުއިރު ވެސް އެކަމާއި ގުޅިގެން ޓްރަމްޕް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވަރުގަދަ މަޝްވަރާތަކަށްފަހު، އެމެރިކާއާއި އީރާނާއި ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމަށް ވާސިލުވެފައިވާ ކަމަށެވެ.
ދެ ގައުމުން ވެސް ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކެއްގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން އަދި ދާއިމީކޮށް ނިންމި ކަމަށް ވެސް ޝެހެބާޒް ވިދާޅުވިއެވެ.
މި އެއްބަސްވުމަށް އަމަލު ކުރަން ފެށި ނަމަވެސް އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނަނީ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ކަމަށް ޝެހެބާޒް ވިދާޅުވިއެވެ.
ޝެހެބާޒް ވަނީ އެމެރިކާއާއި އީރާނުން މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ވައުދުވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި މެދުވެރިކަމުގެ މަސައްކަތުގައި ގަތަރް، ސައުދީ އަރަބިއްޔާ އަދި ތުރުކީން ވެދިން އެހީތެރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.



