ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި އިއުލާންކުރައްވާފައިވާ ’ބޮޑު ބަދަލު’ގެ ރަސްމީ އޮފީސް އެ ޕާޓީން އުފައްދައިފިއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނީ ”ބޮޑު ބަދަލު“ އޮފީސް، އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި މިހާރު ޤާއިމު ކޮށްފައިވާކަމަށެވެ. އަދި އެ އޮފީހުގެ ޑައިރެކްޓަރު ޖެނެރަލަކަށް ހަސަން ލަތީފް އައްޔަންކޮށްފައިވާކަމަށެވެ.
’ބޮޑު ބަދަލު’ގެ ނަމުގައި ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒު ހާމަކުރެއްވީ އެ ދެބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެއަށްފަހު ނަޝީދު ވަނީ އއމްޑީޕީގެ ޗެއާޕާސަންކަމަށް ވާސަކުރައްވާ ބޮޑު ތަފާތަކުން އެ މަގާމަށް އިންތިހާބުވެޑައިގެންފައެވެ.
ބޮޑު ބަދަލުގެ އޮފީސް ހަދަން ނިންމީ ޗެއާޕާސަންކަމަށް ނަޝީދު އިންތިހާބުވެޑައިގަތުމަށް ފަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. މި ހުށައެޅުން ހުށައެޅުއްވީ ރައީސް ނަޝީދެވެ.
ނަޝީދާއި ފައްޔާޒު ހުށައެޅުއްވި ބޮޑު ބަދަލުގައި ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައަޅާ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ހެދުން ހިމެނެއެވެ. އެގޮތުން ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުމާއި ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވަނީ ހިމަނާފައެވެ.
މީގެއިތުރުން ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުންވެސް ވަނީ ބޮޑު ބަދަލުގައި ހިމެނާފައެވެ.



