އެމްޑީޕީއަށް ލިބިގެންދިޔަ ކާމިޔާބީއަކީ ސަރުކާރު ވަރަށް ބޮޑަށް ޖެހިލުންވެގެން ދިޔަ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ، އެމްޑީޕީއަށް ލިބިގެންދިޔަ ކާމިޔާބީއާއެކު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެ ކާމިޔާބީއަކީ ސަރުކާރު ވަރަށް ބޮޑަށް ޖެހިލުންވެގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.
އޭގެ އިތުރުން، ކެމްޕެއިން ދުވަސްވަރު ރަށްރަށް ކުރެއްވި ދަތުރުތަކުގައި ސަރުކާރު ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓުފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިހާރު އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރި ގިނަ ތަކެތި ހުރީ ހަލާކުވާން ގާތްވެފައި ކަމަށެވެ. އަދި އަލުން މަޝްރޫއުތައް ކުރިއަށް ގެންދާނަމަ އަލުން ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަންކަން ވެގެންދާނީ އެހެންކަން ކުރިންވެސް އެނގޭ ކަމަށާއި ޕްރޮޖެކްޓުތައް ހުއްޓާލުމަށްފަހު އަލުން ފަށާނެ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ ދާއިރާ ކެލާ ދާއިރާއަށް ބެލި ނަމަވެސް ގިނަ ޕްރޮޖްކެޓުތައް ހުރީ ހުއްޓިފައި. ހިދުމަތްތައް ހަރުދަނާކޮށް އެފަދަ ކަންކަން ކުރުމުގެ މަސައްކަތް ކުރީ ސަރުލާރުން ކުރިއަށް ގެންދިޔަ. އެހެންނަމަވެސް އެކަމަށް ވެސް ކުރިއެރުމެއް ނުލިބޭ،“
ޝަރީފް ވިދާޅުވީ، ސިއްހީ ދާއިރާގެ ވާހަކަ އެއްވެސް މީހަކު ނުދައްކާތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ގިނަ ރަށްރަށުގައިވެސް ސިއްހީ ހާލަތު ހުރީ ވަރަށް ދަށް ފަންތިއެއްގައި ކަަމަށާއި، ބައެއް މަރުކަޒުތަކުގެ ސީލިންގުވެސް ހުރީ ވެއްޓެން ގާތް ވެފައި ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަން އެނގޭނެ ކަމަށެވެ. ނަތީޖާއަކަށް ވަނީ ރަށްރަށުގެ ފަރާތްތަކުން މާލެ ސަރަހައްދަން ދިރިއުޅުން ބަދަލުކުރަން ޖެހުން ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށް ހުސްވަމުން އަންނަ ކަމަށް ފާހަގަކުރެއްވިއެވެ.



