ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ހެދުމަކީ ކަނޑުކޮސް، ބޭކާރު ހަރަދު: ނަސީދު
ދެންމެ | 26 ޖޫން 2026

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަކީ ބޭކާރު ޚަރަދެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ މަޝްރޫޢަށް ފާޑުވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ދައްކުވައިދޭ ފޮޓޯއެއް ޕީއެންސީގެ އެކްޓިވިސްޓަކު ޕޯސްޓުކުރުމާއެކު ނަޝީދުގެ ނުރަސްމީ އެކައުންޓުން ވިދާޅުވީ، މަގުތަކުގައި ތާރު އަޅައިގެން ރީތިކަމެއް ނުފެންނާނެ ކަމަށާއި، މަގުތަކުގެ ރީތިކަން ފެންނާނީ ގަސް އިންދައިގެން ކަމަށެވެ. މިސަރުކާރުން އެކަމެއް ރަނގަޅުކުރަން އަމާޒު ހިފާފައިވާ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށްވާ މާލޭގައި ބޭނުންކުރާ އުޅަނދުފަހަރުގެ އަދަދު ކޮންޓްރޯލް ނުކޮށް، އަދި ޓްރެފިކާއި ޕާކިންގްގެ މައްސަލަތަކަށް އެދެވޭ ހައްލެއް ނުގެނެސް، މަގުތައް ފުޅާކުރުމަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ. ނަޝީދު މިހެން ވިދާޅުވިއިރު އުސޫލެއް ހަމައެއް ލަމައެއްނެތި އެއްގަމު އުޅަނދު އެތެރެކުރުންވެސް މިސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްރޫޢުގެ ދަށުން މަގު ފުޅާކުރަނީ މަގުގެ ދެފަރާތުގައި ގަސް އިންދުމާއި، ޕާކިންގްއަށް ޚާއްޞަ ސަރަޙައްދުތައް ހިމެނޭ ގޮތަށް ފަރުމާކޮށްގެންނެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މި ސަރަޙައްދު ތަރައްޤީކުރުމަށް ވިސްނާފައިނުވާ ފަދަ ފުރިހަމަ ބަދަލެކެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް މިހާރުވެސް ބޮޑު ހައްލެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ނިމިދިޔަ ރަމަޟާން މަހު ބާޒާރުމަތީގެ ތޮއްޖެހުން ކުޑަވެ، އާންމުންނަށް ބޮޑު ލުޔެއް ލިބިފައިވާތީ ގިނަ ބައެއްގެ ތަރުހީބު މި މަޝްރޫޢަށް ވަނީ ލިބިފައެވެ. ނަމަވެސް، އެމްޑީޕީން ވަނީ މި މަޝްރޫޢާ ދެކޮޅަށް ތެދުވެފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފައިވަނީ، މަގުގެ މަސައްކަތް މުޅިން ނިމޭއިރު، ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ”ދަތުރުވެރިންގެ ހިޔާ“ ފަދަ ވަސީލަތްތައްވެސް ގާއިމުކުރެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށައި، މި މަސް ނިމުމުގެ ކުރިން މުޅި މަޝްރޫޢު ނިންމާލުމެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ޒަމާންތަކެއްވަންދެން އުފުލި ބޮޑު ތަކުލީފުތަކަކަށް ނިމުމެއް އަންނާނެ ’ބޮޑު ބަދަލަކަށް‘ ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!