އެމެރިކާއިން ދިން ވަރުގަދަ އަސްކަރީ ހަމަލާތަކަށްފަހު، އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން ވަނީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އީރާނުގެ އަސްކަރިއްޔާ އެއްކޮށް ފުނޑުފުނޑުކޮށްލާފައިވާ ކަމަށާއި، އެ ގައުމުން މިހާރު މަސައްކަތްކުރަނީ ސިޔާސީ ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން ވަރަށް އަވަހަށް ނަތީޖާއެއް ފެންނާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ޓްރަމްޕުގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާއާއެކު އަދި އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭގޮތުން އީރާނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާއިން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާގެ އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވިދާޅުވާ މިންވަރަށް އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދެވިފައެއް ނުވެއެވެ. ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) ގެ ރިޕޯޓަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހުރަސްއެޅިފައިވަނީ އެންމެ މަދު މަސްތަކަކަށެވެ. މިއީ ޓްރަމްޕް ވިދާޅުވި ފަދަ ބޮޑު ކާމިޔާބީއެއް ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާއި ނިއުކްލިއަރ މައްސަލައާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕުގެ މި ވާހަކަތަކަކީ މަޝްވަރާގެ މޭޒުމަތީގައި އެމެރިކާގެ ބާރުގަދަކަން ދެއްކުމަށް ކުރައްވާ ކަމެކެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ޔޫރަޕުގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



