ނިމިދިޔަ ހޯރަފުށީ މުޅި ކައުންސިލްގެ މައްޗަށް ދައުވާ ކުރަން ނިންމައިފި
ދެންމެ | 08 ޖުލައި 2026

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް، ގަވާއިދާ ހިލާފަށް ބިމެއް ދޫކޮށްފައިވާ މައްސަލައާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަންސް ކޮމިޝަނުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް 20 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ މިމައްސަލަ ބަލައިގެންފަ އެވެ.

މިމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހއ. ހޯރަފުށީ ކައުންސިލްގެ ނިމިދިޔަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބް ރައީސް އަހްމަދު އިމްދާހުގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި، އަހްމަދު ރައޫފާއި، މަރިޔަމް ވަކީލާއާއި، އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާސިހާގެ މައްޗަށެވެ.

އޭގެ ތެރެއިން އިމްދާހާއި، ރައޫފާއި ވިސާމާ މިހާރުގެ ކައުންސިލްގައި ވެސް ތިއްބަވަ އެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5000 އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ފެބްރުއަރީ 2023ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގެ އާއްމު ޖަލްސާއއެއްގަ އެވެ. އެ ނިންމުމާ އެއްގޮތަށް ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ދޫކޮށްފައިވަނީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އޭސީސީ އިން އެދިފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!