އާޖެންޓީނާއިން ކުރީ ހުތުރު ބޮޑު ވައްކަމެއް، އެއީ ހައްގު މޮޅެއް ނޫން: މަމްދާނީ
ދެންމެ | 09 ޖުލައި 2026

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، މިޞްރު ބަލިވީ ”އިންސާފުން ބޭރުން“ ކަމަށް ބުނެ ނިއުޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

އާޖެންޓީނާއިން 3-2 ގެ ނަތީޖާއަކުން މިޞްރުގެ މައްޗަށް ކުރިހޯދި މި މެޗާ ގުޅޭގޮތުން މަމްދާނީ ވާހަކަދެއްކެވީ ނިއުޔޯކްގެ ބަސް ދަތުރުފަތުރުގެ ޚިދުމަތް ރަނގަޅުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދަތުރުފަތުރަށް ހޭދަވާ ވަގުތު ކުޑަވުމުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ކުއްލިއަކަށް ވިދާޅުވީ، ”އިއްޔެގެ މެޗުގައި މިޞްރު އަތުން އާޖެންޓީނާ މޮޅުވީ ފޭރިގަނެގެން“ ކަމަށެވެ.

މޭޔަރުގެ މި ވާހަކައާއެކު ސޯޝަލް މީޑިއާގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މި މެޗުގައި މިޞްރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރެފްރީގެ ނިންމުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން މިޞްރުގެ މުޞްޠަފާ ޒީކޯ ޖެހި ލަނޑެއް ވީއޭއާރް ބެލުމަށްފަހު ބަލައި ނުގަތުމާއި، މެޗުގެ ފަހުކޮޅު މުޙައްމަދު ޞަލާޙަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ޕެނަލްޓީއެއް ދީފައި ނުވުން ހިމެނެއެވެ. މިޞްރުން 2-0 އިން ކުރީގައި އޮއްވައި، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ.

މި މައްސަލައިގައި މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ފީފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. މިޞްރުގެ ހެޑް ކޯޗު ޙުސާމް ޙަސަން ވެސް ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިއެވެ. ނަމަވެސް، ފީފާގެ ރެފްރީންނާ ބެހޭ އިސްވެރިޔާ ޕިއަރލުއިޖީ ކޮލީނާ ވަނީ ރެފްރީންގެ ނިންމުންތަކަށް ދިފާޢުކޮށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ހުރިހާ ނިންމުމެއްވެސް ނިންމާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މި ހޫނު ބަހުސްތަކާއެކުވެސް އާޖެންޓީނާ މިހާރު ދަނީ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާ ބައްދަލުކުރުމަށް ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!