ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ
ދެންމެ | 11 ޖުލައި 2026

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަޒަރުބައިޖާންގައެވެ. މި މުބާރާތް ކުރިއަށްދާނީ ފެސްޓިވަލެއްގެ ސިފައިގައެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މި ފެސްޓިވަލުގައި، ދެ ޖިންސަށް، ވަކިން މުބާރާތް ބޭއްވުމަށް ފީފާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް އޮންނާނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޙާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ.

ދެ ޖިންސަށް ވަކިން، އެއް އަހަރެއްގައި މުބާރާތް ބާއްވާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ. އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.

މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ.

މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅައިގެ ވަޞީލަތްތައް ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކަށެވެ. މި އަހަރުގެ މުބާރާތް އޮންނަ އަޒަރުބައިޖާނަކީ، އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމެވެ. މިހާރުވެސް އެގައުމު އޮތީ ފީފާފެ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފަ އެވެ.

މުބާރާތުގައި ފުރަތަމަ އޮންނާނީ ކޮލިފިކޭޝަން ސްޓޭޖެވެ.3 ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ ކޮލިފިކޭޝަން ސްޓޭޖުގައި ފަހެއް ނޫނީ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އެއަށްފަހު، ދެން އޮންނާނީ ރަސްމީ މުބާރާތެވެ. މުބާރާތުގެ މެޗުތައް ގާތްގަނޑަކަށް ނުވަ ދުވަހަށް ކުރިއަށްދާއިރު އެ މުއްދަތުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހޭނެ އެވެ.

ކޮލިފިކޭޝަން ސްޓޭޖުގައި، ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން، 32 ގްރޫޕް އޮންނާނެ ކަމަށް ބެލެވެއެވެ. އަދި، މުބާރާތުގެ ރަސްމީ މެޗުތަކުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނެއްގަ އެވެ. އެއީ، ރޭންކް ކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރާއިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހޭނެ އެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނަން ޖެހެ އެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ޤައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު، ބައިވެރިނުވެވޭނީ ނޭޕާލަށް އެކަންޏެވެ. އެއީ އެ ގައުމު މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!